އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މި މަހު ފައްޓަން ހަމަޖެއްސި ބައިނަލްއަގްވާމީ "ކޯސްޓަލް ކްލީން އަޕް ޑޭ" މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި މިއަދު މި ފެށުނު ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވީ މިނިސްޓަރު އޮފް ސްޓޭޓް ފޮ އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަބްދުﷲ ޒިޔާދެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދުގެ އިތުރުން ވަށައިގެންވާ ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާ އެކު އާންމުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އީޕީއޭ އިން ބުންޏެވެ.

ހުޅުމާލޭގައި މިއަދު ފެއްޓި ޙަރަކާތުގައި ސަރުކާރުގެ އިދާރާތަކުންނާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އެމްއެންޑީއެފް، އަދި ސްކޫލްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޢާއްމުންގެ ފަރާތަކުން ބައިވެރިވެ އެވެ.

މިއަދު ފެށި ކޯސްޓަލް ކްލީން އަޕް ޑޭގެ ތެރެއިން- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ހުޅުމާލޭގެ އިތުރުން މާލޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަވިސަސް ގުޅިގެން މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމްއެއް އަދި ވިލިމާލޭގައި ސޭވް ދަ ބީޗްގެ ފަރާތުން ޕްރޮގްރާމްއެއް ވިލިމާލެ ހޭޅިފަށާއި ގޮނޑުދޮއް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް މި ހަރަކާތާއި ބެހޭ މައުލޫމާތު ދިނުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީޑިއާ މެދުވެރިކޮށް ޕްރޮގްރާމްތަކެއް ފޮނުވަން ހަމަޖެފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އެ މުއްދަތުގެ ތެރޭގައި އެކިއެކި ސްކޫލުތަކުގައި ވެސް އެކަމާ ގުޅޭ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީ އިން ބުންޏެވެ.

ރަށްރަށުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސްކޫލުތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެންނެވެ.