16 Sep 2017, 11:14
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮންނަ އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަސް ދުވަހުގެ ތެރޭގައި 4.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، އެ ކުންފުނިން ހާމަކޮށްފިއެވެ.
އެލައިޑުގެ ސީނިއަރ މާކެޓިން އޮފިސަރު އާއިޝަތު ރިޝްފާ ވިދާޅުވީ، އެލައިޑުން މިހިނގާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް، އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރޭން ގެއްލުމުގެ ބަދަލުހޯދުމަށް އެދިފައިވާ ފަރާތްތަކަށް 4,267,000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ޖުމުލަ ފައިސާ ދޫކުރެވިފައިވާ ކަމަށެވެ.
މިއީ މި އަހަރު ތެރޭގައި އެލައިޑުން، މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާ ގިނަ އަދަދެއްގެ ފައިސާ ދޫކުރި ދެވަނަ ފަހަރެވެ. މިއަހަރު އެލައިޑުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ކުންފުނިން ވަނީ ފަސް ދުވަހުގެ ތެރޭގައި 5,500,000އަށް ވުރެ ގިނަ ފައިސާވެސް ދޫކޮށްފައެވެ. އެއީ މި އަހަރުގެ މޭމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރި ފައިސާއެވެ.
އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އެ ކުންފުނި އުފެއްދީ އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް ކުންފުންޏާއި އެސްޓީއޯ ގުޅިގެން 1985 ވަނަ އަހަރުއެވެ. ނަމަވެސް އެލައިޑްގައި އޮތް ކޮމާޝަލް ޔޫނިއަންގެ ހިއްސާ އެސްޓީއޯ އިން ފަހުން ވަނީ ގަނެފައެވެ.