ސައިކަލެއްގެ މަޑި ދަށުގައިގައި ހުރި ޕާސްޕޯޓްތަކަކާއި މޮބައިލް ފޯނާއި ވޮލެޓާއި ކޭޝްކާޑެއް ވަގަށް ނަގައި ކާޑު ބޭންކޮށްގެން އޭޓީއެމްއަކުން ވަގަށް ފައިސާ ނަގައިފި އެވެ.

ރޭ ވަގަށް ނެގި ކޭޝްކާޑް ޖަހައިގެން އަމީނީ މަގު ފިނޭންސް މިނިސްޓްރީ ކައިރީ ހުންނަ އޭޓީއެމް އިން 2700ރ. ނަގާފައިވާ ކަމަށް ކާޑް ވެރިފަރާތުން މިއަދު ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައިވާތީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ތިން ޕާސްޕޯޓާއި ތިން ފޯނާއި ކޭޝްކާޑާއި ވޮލެޓް މަޑި ދަށަށް ލާފައި ހުރި ސައިކަލް ދުއްވި ފަރާތް، އަދި ކޭޝްކާޑްގެ ވެރިފަރާތުން ބުނީ ޓްރެކް ސަރަހައްދުގައި ރޭ ސައިކަލް ބެހެއްޓީ އޭނާއާ ރައްޓެހިންތަކެއް މޫދަށް އެރެން ގޮސް ކަމަށާއި އެ ތަކެތި ގެއްލުނުކަން އެނގުނީ މޫދުގައި ގަޑިއެއްހާއިރު އުޅުމަށް ފަހު ރޭ ގެއަށް ދިޔަ ފަހުން ކަމަށެވެ.

"ފޯނުތަކަކީ އަޅުގަމެންގެ އެންމެންގެ ފޯނުތައް ކޭޝްކާޑަކީ އަޅުގަނޑުގެ ކާޑް، ޕާސްޕޯޓްތައް އެއީ އަޅުގަނޑު ދުއްވި ސައިކަލުގެ ވެރި ފަރާތުން ބަހައްޓާފައި ހުރި ޕާސްޕޯޓްތަކެއް. ކާޑް ފައިސާ ނަގާފައި ވަނީ ޕިން ނަމްބަރު ޖަހާފައިވާ ސްލިޕެއް ވޮލެޓްގައި އޮތުމުން،" އޭނާ ބުންޏެވެ.

އޭނާ އަދި ބުނީ ބޭންކު މެދުވެރިކޮށް ބެލި އިރު ފައިސާ ނަގާފައި ހުރުމުން އެ އޭޓީއެމްއަށް ގޮސް ބެލި އިރު ޕާސްޕޯޓްތައް އަޅާފައި ހުރި ކޮތަޅު އޭޓީއެމްގެ ޑަސްބިންތެރޭގައި އޮތް ކަމަށެވެ.