މިޔަންމާގެ އަސްކަރިއްޔާގެ ކިބައިން ސަލާމަތްވުމަށް ރޮހިންގާ މުސްލިމުންގެ އެތައް ބަޔަކު ދަތުރުކުރަމުންދިޔަ ކުޑަކުޑަ ބައްތެލި ބަންޑުންޖަހާލީ ބަނގުލަދޭޝްގެ އައްސޭރިފަށާ ދާދި ކައިރިއަށް ދެވުނުތަނާއެވެ. އެ ހާދިސާ ތަހައްމަލު ކުރި މަންމައެއްގެ ވާހަކަ އަޑުއެހިކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލޭނެއެވެ.

ހާދިސާ ހިނގިއިރު ހާމިދާ ބޭގަމް ދަތުރުކުރަމުންދިޔައީ އޭނާގެ އެއްމާބަނޑު ދެފިރިހެން ކުދިން ގޮވައިގެންނެވެ. އޭރު އެ ދެކުދިން ވިހޭތާ ވީ އެންމެ ސާޅީސް ދުވަހެވެ.

އެ ދަތުރުގައި ދޯނި ބަނޑުން ޖަހާލައި ހާމިދާގެ އެއްމާބަނޑު ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާ އަކީ ހާމިދާ ހިތްދަތި ކުރުވި ހާދިސާއެއްކަން ފޮޓޯތައް ބަލާލުމުން އިހުސާސް ކުރެވެ އެވެ.

ހާދިސާގައި މަރުވި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ހާލިދާ އުރާލައިގެންހުރިއިރު އަނެއް ކުއްޖާ އޭނާގެ އާއިލާގެ އެހެންމީހަކު އުރައިލައިގެން -- ފޮޓޯ: އޭޕީ

ސޯޝިއަލް މީޑިއާ އަދި މީޑިއާތަކުގައި އާންމެވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ހާމިދާއަށް އަސަރުކޮށްފައި ހުރިވަރު ފެނެ އެވެ. މަރުވި ދަރިފުޅު އަބްދުލް މަސްއޫދު އުރާލައިގެން ހުރެ ހާމިދާ ދިޔައީ ބޮސްދެމުންނެވެ. މުޅި މާހައުލު ގުގުމައިގެން ދިޔައީ ހާމިދާގެ ވޭނީ ކެކުޅުންތަކުގެ އަޑުންނެވެ.

ހާމިދާ އާއެކު އެވަގުތު ބައްތެލީގައި ތިބި ހުރިހާ އެންމެންވެސް ދިޔައީ ކަރުނަ އަޅަމުންނެވެ. ހާމިދާގެ ހިތާމަތަކަށް އިތުރު ބުރަދަނަކަށް ވެގެން ދިޔައީ ހަމަ އެހާދިސާގައި ހާމިދާގެ އާއިލާގެ އެހެން އަންހެނަކުވެސް މަރުވުމުންނެވެ.

ހާމިދާގެ 40 ދުވަސްވީ ދަރިފުޅު މަރުވުމުން އަތްދަނޑި މައްޗަށް ލައިގެން ދަރިފުޅުގެ މޫނުގައި ބޮސްދެނީ --- ފޮޓޯ/އޭޕީ

ލިބުނު ހިތާމަތަކަށް ރޮއި ހަދާނެ ވަގުތެއްވެސް ހާމިދާ އަކަށް ނުލިބުނެވެ. މަރުވި ދަރިފުޅާއި އަދި އާއިލާގެ އެހެންމީހުންގެ ޖަނާޒާ ކަންތައް ނިންމުމަށް އުޅުމަކީވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ބަންގުލަދޭޝަށް އެތެރެވުމަށްފަހު އުޅޭނެ ތަނެއް ހޯދައި ކެއުންބުއިން ހަމަޖެއްސުމަކީވެސް ހާމިދާއަށް ހޯދަން ޖެހިފައިވާ މަގެކެވެ.

މި ހާދިސާއިން ހަމައެކަނި ހާމިދާގެ އިހުސާސްތައް އެނގިގެން ދިޔަ ނަމަވެސް މިޔަންމާގެ އުފަން ވަޒަން ދޫކޮށްލަން ޖެހުނު ކޮންމެ ރައްޔިތަކުވެސް ދަނީ ހަމަ އެ ވޭނާ ހިތާމަ ކުރަމުންނެވެ. ކާނެ އެއްޗެއް ދިރިއުޅޭނެ ތަނެއް ނެތި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ރޮހިންގާ މުސްލިމުން ތިބި ވާހަކަ އަކީ މުޅި ދުނިޔެ ދައްކަމުންދާ ވާހަކަ އެވެ.