15 Sep 2017, 15:55
އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބުބަނޭޝްވަރުގައި ބާއްވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޚާސައް ކަވަރޭޖެއް ގެނެސްދިނުމަށް ސަންގެ ޓީމެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.
އަންނަ އާދީއްތަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ސޭސް އަކީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން، މިމަހުގެ 17 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން ސެޕްޓެމްބަރު މަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ރާއްޖޭގެ ވަފުދު ގެ ބައިވެރިން ފުރުން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސަން އަކީ ސޭސް 2017ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ. އެގޮތުން ސަމިޓްގައި ބައިވެރިވާ 26 މެންބަރުންގެ ދިވެހި ވަފުދާއެކު އިންޑިއާއަށް ދަތުރުކުރި، ދިވެހިރާއްޖޭގެ މީޑިއާ ޑެލިގޭޝަންގެ ހެޑަކަށް ހުންނެވީ، ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒެވެ.
ސަންގެ ކިޔުންތެރީންނާ ހަމައަށް މި ސައުތު އޭޝިއަން ޔޫތް ސަމިޓާ ގުޅޭ ޚަބަރުތައް ތާޒާކަމާއެކު ފޯރުކޮށްދިނުމަށް، ސަން އޮންލައިން ސީނިއަރ ޖާނަލިސްޓް މުޙައްމަދު ސިމާއުއާއި އިންގްލިޝް ޖާނަލިސްޓް ފާޠިމަތު އަރޫމާ ޙުސައިންވެސް ބައިވެރިވިއެވެ.

ސޭސް 2017 ކަވަރކުރުމަށް އިންޑިއާއަށް ދިޔަ ސަންގެ ޓީމާއި، ރޮހިންޔާ މުސްލިމުންގެ ކޭޕްޕުތަކަށް ޒިޔާރަތްކުރުމަށް ދިޔަ ސަންގެ ދެ ނޫސްވެރީން -- ސަން ފޮޓޯ
ސޭސްގެ ޚާއްސަ ކަވަރޭޖެއް ހެދުމަށް ސަންގެ ޓީމެއް އިންޑިއާއަށް ފުރާފައި ވާއިރު، މިޔަންމާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް، ބަންގުލަދޭޝަށް ހިޖްރަކޮށްފައިވާ، ރޮހިންޔާ މުސްލިމުންގެ ވާހަކަތައް ސަންގެ ކިޔުންތެރީންނާއި ބެލުންތެރީންނާ ހަމައަށް ގެނެސް ދިނުމަށް ސަންގެ ދެ ނޫސްވެރިއަކު ވަނީ ބަންގާޅަށް ގޮސްފައެވެ.
މިއަންމާ އާއި ބަންގްލަދޭޝްއާ ގުޅޭ ބޯޑަރު ސަރަހައްދަށް ދިއުމަށް ރާއްޖެއިން މިއަދު ފުރި ދެ ނޫސްވެރިންނަކީ ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަން އާއި ނޫސްވެރިޔާ މުހައްމަދު ސަމާހު އެވެ.