(ޗެންނާއީ،އިންޑިއާ) - އަންނަ އާދިއްތް ދުވަހު އިންޑިއާގައި ފެށުމަށް ތައްޔާރުވެފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް(ސޭސް) ގައި ބައިވެރިވާ ރާއްޖޭގެ ވަފުދު އިންޑިއާއަށް މިއަދު ފުރައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ހެނދުނު އިންޑިއާގެ ޗެންނާއީއަށް ފުރާފައިވަނީ ރާއްޖޭގައި ތިބި 26 ބައިވެރިންނެވެ. އެ ބައިވެރިންގެ ތެރޭގައި ސަމިޓްގައި މުނުފޫހިފިލުވުމުގެ އައިޓަމްތައް ހުށަހަޅައިދޭ ފަންނާނުންނާއި ނޫސްވެރިން ވެސް ހިމެނޭއިރު، ސަމިޓް ބާއްވާ ބުބަނެސްވަރު ސިޓީއަށް ދިއުމަށް ބައިވެރިން ޗެންނާނީން ފުރާނީ މާދަމާ ހެނދުނުވެ.

ސަމިޓުގައި ހުށަހަޅައިދޭ ފަންނާނުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން ވިދާލި މުހައްމަދު މުއައްޒިން އަދި އޭމާ ހިމެނޭ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑު، "ހަބޭސް ގްރެވިޓީ"ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އަދި ސަމާ މޫސާ (ސަމްކޮ) ހިމެނެއެވެ.

އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސައުތު އޭޝިއަން ޔޫތު ސަމިޓަށް ރާއްޖޭގެ ވަފުދު ގެ ބައިވެރިން ފުރަން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރަފީ ޖަމިއްޔާ އިން ބުނީ ސަމިޓުގައި ބައިވެރިވުމަށް ލަންކާ، މެލޭޝިއާ އަދި އިންޑިއާގެ އެހެން ސްޓޭޓްތަކުން ހަ ބައިވެރިއަކު ޓީމާ ފަހުން ގުޅޭނެ ކަމަށެވެ.

އަދި ސަމިޓުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ ދައްކާލުމަށް ހާއްސަ ސްޓޯލެއް ހަދާއިރު، ސަމިޓް އޮންނާނީ މިމަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓުގެ ލޯކަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. ސަމިޓާ ގުޅޭ ފަހުގެ ހަބަރުތައް ގެނެސްދިނުމަށްޓަކައި އިންޑިއާއަށް މިއަދު ފުރި ރާއްޖޭގެ މީޑިއާ ޑެލިގޭޝަންގެ ހެޑަކީ ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒް އެވެ. މީގެ އިތުރުން ސަން އޮންލައިން އިނގެރޭސި އެޑިޝަންގެ ފަރާތުން ފާތިމަތު އަރޫމާ އަދި ދިވެހި އެޑިޝަންގެ ފަރާތުން މުހައްމަދު ސިމާއު މީޑިއާ ޑެލިގޭޝަންގައި ހިމެނެ އެވެ.

ސައުތު އޭޝިއަން ޔޫތު ސަމިޓަށް ރާއްޖޭގެ ވަފުދުގައި ބައިވެރިވާ ސަން މީޑިއާ ގްރޫޕްގެ ޓީމް ސީއޯއޯ މިންހާ ފާއިޒް(މ) އެކު --ސަން ފޮޓޯ

ސޭސްގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އޮފިޝަލް އެއާލައިނަކީ މޯލްޑިވިއަން އެވެ. އަދި ސަޕޯޓަރުންގެ ތެރޭގައި ހިމެނެނީ ސަން ސިޔާމް ރިސޯޓްސް އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް، ކޮކާ ކޯލާ/ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އެއާޕޯޓް ބީޗް ހޮޓެލް އެވެ.