ރާއްޖޭގެ އާއްމު ސިއްހަތުގެ ކަންތައްތައް ރަނގަޅު ހިސާބަކަށް ގެނެވިފައި ނުވަނީ މާލޭގެ އާއްމު ސިއްހަތާއި ސާފުތާހިރު ކަމުގެ ކަންތައްތައް ރަނގަޅަށް ކުރެވިފައި ނުވާތީ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިން ކުތުބުހަނާ ހިންގި ބިއްލޫރި ޖެހިގޭގައި މާލޭ ސިޓީ ހޯލް ހުޅުވައި ދެއްވަމުން ރައީސް ވިދާޅުވީ މާލޭ ހެލްތު ސެންޓަރު ދުވަސްކޮޅަކު ހިނގި ކަމަށާއި އެހެން ނަމަވެސް މާލޭގައި ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ފެމެލީ ހެލްތު ވޯކަރުން ތިބެގެން ރާއްޖޭގެ އެހެން ރަށްރަށުގެ އާއްމު ސިއްހަތުގެ ކަންތައްތައް ރަނގަޅު ކޮށްފައި އޮތް ވަރާ ގާތަށް ވެސް ރަނގަޅު ކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި އާއްމު ސިއްހަތުގެ ކަންތައްތައް ކުރެވިފައި ވަނީ ވަރަށް ކާމިޔާބު ކަމާ އެކުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ސާފުތާހިރުކަމާއި އާއްމު ސިއްހަތުގެ ކަންތައްތަކަކީ މާލޭ ސިޓީ ކައުންސިލުން އަވަދި ނެތި ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތްތައް މާލޭގެ މޭޔަރާއި ސިޓީކައުންސިލްގެ މެމްބަރުން އެކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިޓީހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީކައުންސިލްގެ ލޯގޯ ކުރެހުމަށް ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ބޭއްވި މުބާރާތުގައި ކުރަހާފައިވާ ލޯގޯތައް ދައްކާލަން ބަހައްޓާފައި ހުއްޓެވެ. އެލޯގޯތައް ރަސްމިއްޔާތަށް ވަޑައިގަތް ބޭފުޅުން ބައްލަވާލެއްވިއެވެ.

މާލޭ ސިޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ބައިވަރިވެ ވަޑައެއް ނުގަންނަވަ އެވެ.