ޔޫއެފާ ޔޫރޮޕާ ލީގުގައި ފަހަތުން އަރައި ޖަރުމަންގެ އެފްސީ ކޮލޯން އަތުން އިނގިރޭސި ކްލަބު އާސެނަލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އެފްސީ ކޮލޯންއާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި އާސެނަލް މޮޅުވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ނުވަވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ކޮލޯން އިންނެވެ. ލިއަނާޑޯ ބިޓެންކޯޓް ދިން ބޯޅައަކުން ކޮލޯންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯން ކޯޑޮބާއެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ ކުރިއަށް ނުކުމެ ހުރުމާއެކު ކޯޑޮބާ ވަނީ އޮސްޕީނާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ޔޫރޮޕާ ލީގުގައި އާސެނަލާއި ކޮލޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލްގެ ތިއޯ ވަލްކޮޓްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުގެ ނަތީޖާއަކުން ކޮލޯން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން އާސެނަލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފު ފެށުނުތަނާ ކުޅެން ނުކުތް ބޮސްނިއާ ޑިފެންޑަރު ސައިދު ކޮލިސަނިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޮލޯންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެލެކްސް އިވޯބީ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒްއެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ކޮލޯން ގޯލުގެ މަތީ ކަނަށެވެ.

ޔޫރޮޕާ ލީގުގައި އާސެނަލާއި ކޮލޯން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށްފަހު އާސެނަލް އަދި ކޮލޯންއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ކޯޑޮބޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އާސެނަލްގެ ކީޕަރު އޮސްޕީނާ މަތަކުރިއިރު، މެޗުގެ 77 ވަނަ މިނެޓުގައި ޖެކް ވިލްޝެއާ ދިން ބޯޅައެއް ހިފައިގެން ކޮލޯންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ސަންޗޭޒް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ހެކްޓާ ބެލެރިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވަލްކޮޓް ފޮނުވާލި ހަމަލާއެއް ކޮލޯންގެ ކީޕަރު ޓިމޯ ހޯން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.