15 Sep 2017, 03:28
އަންހެނުން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދީ އަދި ބައިނަލަގްވާމީ ފެންވަރުގައި އަންހެނުން ތަމްސީލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފައްދައިފައިވާ ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓް(ވިމް)ގެ ރާއްޖޭގެ ގޮފި އިފްތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޖަމްއިއްޔާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްއެވެ.
ވިމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފި އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރޭގެ ރަސްމިއްޔާތުގައި ސްރީލަންކާގެ ސްޓޭޓް މިނިސްޓަރެއް ކަމަަށްވާ ސުދާޝިނީ ފަޑޮންޕުލީ އާއި ސްރީލަންކާގެ ވިމްގެ އެކްޒެކެޓިވްގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއާއި ރާއްޖޭގެ ބައެއް އަންހެން ވިޔަފާރިވެރިންވެސް ބައިވެރިވިއެވެ.
ވިމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފި އިފްތިތާހު ކުރުމަށް ރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ ވިމްގެ އެކްސިކުޓިވް ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް ވެސް ރޭ ވަނީ އިއުލާންކޮށްފައެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެ ޖަމްއިއްޔާގެ ރާއްޖޭ ގޮފީގެ ރައީސާ މިންހާ ފާއިޒް ރަޝާދު (މިންނު) އާއި ސެކްރެޓަރީ ޖެނެރަލް ރިޒްމާ ރަޝީދު އާއި އެޑްމިނިސްޓްރޭޓިވް ޑައިރެކްޓަރު މުހައްމަދު އައުޒަމްގެ އިތުރުން އެކްޒެކެޓިވް ކޮމެޓީގެ މެމްބަރުން ކަމަށްވާ މައިޝާ އާދަމް އާއި އައިމިނަތު ރިޝްފާއެވެ.
މިއީ ރާއްޖޭގައި އަންހެނުންގެ ބައިނަލަގްވާމީ ކޮންފަރެންސެއް ބޭއްވުނު ފުރަތަމަ ފަހަރުކަމަށް ވިމް އިން ބުންޏެވެ. ރާއްޖޭގައި އަންހެނުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރޭ ވަނީ ޕްރޮފެޝަނަލް ކެރިއާ ވިމެން އެވޯޑްސްގެ ނަމުގައި ތިން ދާއިރާއަކުން ރާއްޖޭގެ ތިން ކަނބަލަކަށް އެވޯޑުދީފައެވެ.
14 ސެޕްޓެމްބަރ 2017: ވިމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފި އިފްތިތާހު ކުރުމަށް މިރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެގޮތުން ބިޒްނަސް މޮޑެލް އޮފް 2017 ގެ އެވޯޑް ލިބުނީ ރާއްޖޭގެ އަންހެން ވިޔަފާރިވެރިޔާ ޝާއިރާ ސަލީމަށެވެ. ކެރިއާ ރޯލް މޮޑެލް 2017 ގެ އެވޯޑް ހާސިލްކުރެއްވީ އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރަފީ ޖަމްއިއްޔާގެ ރައީސާ އައިޝަތު ރަފިއްޔާ އެވެ. އެންޓާޕްރަނަރުގެ އެވޯޑް ހާސިލްކުރީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވައިރިޔާ ވަޖުދީއެވެ.
ރާއްޖެއިން އެވޯޑް ހާސިލުކުރި ތިން އަންހެންބޭފުޅުންނާއި ސްރީލަންކާގެ ފާހަގަކޮށްލެވޭ ދެ ބޭފުޅުން ހިމަނައިގެން ވަނީ ލީޑާޝިޕާ ގުޅޭގޮތުންނާއި ވިޔަފާރިވެރީގެ އެކިއެކި ކަންކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ވެސް ބާއްވައިފަ އެވެ.