އަންހެނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ހުނަރުވެރި އުފެއްދުންތެރި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އަންހެން ވިޔަފާރިވެރިން ބާރުވެރިކޮށް އެމީހުންގެ ހުނަރު އިތުރުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅުވައިދިނުމަށް އުފައްދައިފައިވާ ސްރީލަންކާގެ ޖަމިއްޔާއެއް ކަމަށްވާ ވިމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފި އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިރުތިޝާމް ވިދާޅުވީ ޒުވާން ހުނަރުވެރި އުފައްދުންތެރި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވިސްނުމުން ޒުވާން އަންހެންކުދިން ކުރިއަށް ދިއުމަށް ފުރުސަތުތައް ހޯދައިދޭންޖެހޭނަކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަން އުފެއްދުންތެރި ހުނަރުވެރި އަންހެންކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޒިންމާއެއް އޮތްކަމަށް. ހަމަ އެ ވިސްނުމުން އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން ޒުވާން އަންހެންކުދިންނަށް އިތުރު ފުރުސަތުތައް ހޯދައިދީ އެމީހުން ބޭނުންވަނީ ކޮންކަންތައްތަކެއްކަން އަޅުގަނޑެމެންނަށް ކިޔައިދިނުމަށް އެހީތެރިވެދޭން،" އިރުތިޝާމް ވިދާޅުވިއެވެ.

ސްރީލަންކާގެ ޖަމިއްޔާއާ ގުޅިގެން ފެށި ޕްރޮގްރާމްގެ ދަށުން ދިވެހި އަންހެން ކުދިންނަށް ދިމާވެފައިވާ މައްސަލަތަކާ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާކުރެވި އިލްމީގޮތުން ބާރުވެރިވުމަށް އެހީ ވެދޭނެކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގެ އަންހެނުން ދައުލަތުގެ މުހިންމު މަގާމުތައް ފުރުއްވަމުން ގެންދަވާކަމަށާއި އަދި އެފަދަ މަގާމުތަކަށް ޒުވާން އަންހެންކުދިން މިހާރަށްވުރެ އަހުލުވެރިކޮށް، ޒުވާން އަންހެން ލީޑަރުން އުފެއްދުމަކީ ވަރަށް މުހިއްމުކަމަށެވެ. އަދި ރާއްޖޭގައި އެފަދަ އަންހެނުން އުފެއްދުމަށްޓަކައި އިރުޝާދުދީ ތަމްރީންކޮށްދޭނެ ލާމަސީލު އަންހެން ލީޑަރުން ތިބި ކަމަށް އިރުތިޝާމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އަމިއްލަ ކުންފުނިތައް މެނޭޖުކުރުމުގައި ދިވެހި އަންހެނުން މުހިއްމު ދައުރެއް އަދާކުރާކަމަށާއި އަދި ގިނަ އަންހެނުންތަކެއް ގުޅިގެން އެންޖީއޯތަކުގައި މަސައްކަތްކުރާތަން ފެނުމުން ވަރަށް އުފާވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.