27 Jul 2011, 15:40
އާންމު ކާބޯތަކެތީގެ އައު ޝިޕްމަންޓެއް ގެނެސް ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކާ އެބާވަތުގެ ތަކެތީގެ ކޮންޓްރޯލަށް މާދަމާއިން ފެށިގެން ލުޔެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ އެސްޓީއޯގެ ދެވަނަ ޝިޕްމަންޓް މާލެ އައުމާއި އެކު މާދާމާގެ ޑިމާންޑަށް ބަލައި މިހާރު ކޮންޓްރޯލު މިންގަޑަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މުޅިން ކޮންޓްރޯލް ދުއްވައެއް ނުލާނަން. އެއްބަޔަކު އެއްކޮށް އެތަކެތި ނެގުމުގެ ފުރުސަތެއް ނުދޭނަން. ޑިމާންޑަށް ބަލާފައި ކޮންމެވެސް ވަރަކަށް ތަކެތި ވިއްކާ ކޮންޓްރޯލަށް ލުއިތަކެއް ދޭނީ،" ޝާހިދު ވިދާޅުވި އެވެ.
ރޯދައަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ގެނައި އާންމު ކާބޯތަކެތީގެ ތެރެއިން މީހަކަށް މިހާރު ވިއްކަނީ ބިސް ކޭހެއް، އަދި ފިޔާ އާއި އަލުވިން ބަސްތާއެކެވެ.
ޝާދިދު ވިދާޅުވީ ރޭ ގެނައި ޝިޕްމަންޓްގައި 4000 ބަސްތާ ފިޔާ އަދި 2000 ބަސްތާ އަލުވި ހުންނާނެ ކަމަށެވެ. އަދި 200 ކޭސް ބިސްވެސް އެތެރެ ކޮށްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.
ރޯދައަށް ބޭނުންވާ ކާބޯތަކެތި އެސްޓީއޯއިން އާންމު ބާޒާރުގެ އަގުތަކަށް ވުރެ ހެޔޮ އަގުގައި ވިއްކާތީ ކޮންމެ ދުވަހަކު ވެސް ބާޒާރުތަށް ހުޅުވޭއިރު ގިނަ ބަޔަކު އަންނަނީ އެސްޓީއޯ ހޯލް ސޭލް ސެންޓަރުގައި ކިޔޫ ހަދަމުންނެވެ.