ޓުވިޓާގައި ޝާހްރުކް ޚާން ފޮލޯ ކުރާ މީހުންގެ އަދަދު 28 މިލިއަނަށް އަރައިފި އެވެ.

ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ޝާހުއަށް ޓުވިޓާގައި 28 މިލިއަން ފޮލޮވަރުން ލިބިފައި ވާއިރު، ޝާހު އަކީ މީހުން ދެވަނަ އަށް އެންމެ ގިނައިން ފޮލޯ ކުރާ ބޮލީވުޑް ފަންނާނެވެ. 29.3 މިލިއަން ފޮލޮވަރުންނާ އެކު ލިސްޓުގެ އެއްވަނަ ލިބެނީ މެގަސްޓާ އަމީތާބް ބައްޗަން އަށެވެ.

ޝާހު އާ އެންމެ ވާދަވެރި ދެ ޚާނުން ކަމުގައިވާ ސަލްމާން ޚާން އާއި އާމިރު ޚާން އުޅެނީ ޝާހުގެ ފަހަތުން ލިސްޓުގެ ތިން ވަނަ އަދި ހަތަރު ވަނައިގައެވެ.

ސަލްމާން ޚާންގެ ފޮލޮވަރުންގެ އަދަދަކީ 25.1 މިލިއަން އެވެ. އަދި 21.8 މިލިއަން މީހުން ޓުވިޓާގައި އާމިރް ޚާން ފޮލޯ ކުރެއެވެ. އާމިރުގެ ފަހަތުން ދެން އެންމެ ގިނަ ފޮލޯވަރުން އުޅެނީ ބަތަލާ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ ފޮލޯ ކުރާ މީހުންގެ އަދަދު 20 މިލިއަނަށް އަރާއިރު، ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފޮލޯ ކުރަނީ 18.9 މިލިއަން މީހުންނެވެ.

ޝާހުގެ ދެ ފިލްމެއް މި އަހަރު ވަނީ ރިލީޒް ކޮށްފައެވެ. އެއީ 'ރައީސް' އަދި 'ޖަބް ހެރީ މެޓް ސޭޖަލް' އެވެ. 'ރައީސް' އަށް ބޮލީވުޑް ބޮކްސް އޮފީހުގައި އެކަށީގެންވާ ތަރުހީބެއް ލިބުނު ނަމަވެސް، 'ޖަބް ހެރީ މެޓް ސޭޖަލް' ވަނީ ފްލޮޕް ވެފައެވެ.

ޝާހު މިހާރު މަސައްކަތް ކުރަމުން އަންނަނީ ޑައިރެކްޓަރު އާނަންދު އެލް ރާއިގެ ކުރިއަށް އޮތް ފިލްމުގައެވެ. އެ ފިލްމަށް އަދި ވަކި ނަމެއް ދީފައި ނުވި ނަމަވެސް، ފިލްމުގައި ޝާހު ފެނިގެން ދާނީ 'ޑްވޯފް' އެއްގެ ރޯލުންނެވެ.

ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެ، ފާހަގަކޮށްލެވޭ ގިނަ އެވޯޑުތަކެއް ހޯދައިފައިވާ ޝާހު އަކީ ބޮލީވުޑްގެ ރަސްގެފާނު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ޓީވީ ސީރީޒް ތަކުން އެކްޓިންގ ކެރިއަރު ފެށި ޝާހު ބޮލީވުޑަށް ނުކުތީ 1992 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ދީވާނާ' އިންނެވެ. އެ ދުވަސްވަރު ރިލީޒް ކުރި 'ޑަރް'، 'ބާޒިގަރް' އަދި ' 'އަންޖާމް' ފަދަ ފިލްމުތަކުގައި ޝާހު ފެނިގެން ދިޔައީ ނެގެޓިވް ރޯލުތަކުންނެވެ.

އެއަށްފަހު ޝާހު ދެން ފެނިގެން ދިޔައީ ލޯބީގެ ފިލްމުތަކުން، ރޮމޭންޓިކް ރޯލުތަކުންނެވެ. އެގޮތުން 'ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ'، 'ދިލް ތޯ ޕާގަލް ހޭ'، 'ކުޗް ކުޗް ހޯތާ ހޭ'، 'މޮހައްބަތޭން' އަދި 'ކަބީ ޚުޝީ ކަބީ ޣަމް' ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެ.

އޭގެ އިތުރުން 'ދޭވްދާސް'، 'ސްވަދޭސް'، 'މައި ނޭމް އިޒް ޚާން'، 'ޗަކް ދޭ! އިންޑިއާ'، 'ޗެންނާއީ އެކްސްޕްރެސް' އަދި 'ހެޕީ ނިއު އިޔަރ' ފަދަ ކާމިޔާބު ފިލްމުތަކުން ވެސް ޝަހު ފެނިގެން ދިޔައެވެ.

ފަހަކަށް އައިސް ޝާހުގެ މާ ކާމިޔާބު ފިލްމުތަކެއް ނުފެނުނު ނަމަވެސް، މި އަހަރު ފޯބީޒް އިން އާންމު ކުރި ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު އެކްޓަރުންގެ ލިސްޓުގެ އަށް ވަނައިގައި ޝާހު ވަނީ ހިމެނިފައެވެ.