14 Sep 2017, 23:51
މިޔަންމާގެ ރަކީން ސްޓޭޓުގައި އަނިޔާލިބެމުންދާ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ހިންގި ޓެލެތޯނަށް ލިބުނު 5.16 މިލިއަން ރުފިޔާ ދިވެހި ރެޑް ކްރެސެންޓާ މިރޭ ހަވާލުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:42 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ރެޑްކްރެސެންޓާ ހަވާލުކޮށްފައިވަނީ މިރޭ މާބުލް ހޮޓެލްގައި ބޭއްވި ހަފްލާއެއްގަ އެވެެ.
އެ ފައިސާ ރެޑްކްރެސެންޓާ ހަވާލުކޮށްދެއްވީ ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް އާއި ސީއޯއޯ ހުސައިން ފިޔާޒް މޫސާ އެވެ. ރެޑް ކްރެސެންޓްގެ ފަރާތުން އެ ފައިސާއާ ހަވާލުވެ ވަޑައިގެންނެވީ، ރެޑް ކްރެސެންޓްގެ މެނޭޖާ ކޮމިއުނިކޭޝަން އެންޑް ޕާޓްނާޝިޕް ޔާސްމީން ރަޝީދެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު ސަލީމް ވިދާޅުވީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހާ ގިނަ ފައިސާ ލިބިގެން ދިޔަ ދިޔުމަކީ، ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނާ މެދު ދިވެހީންގެ މެދުގައި އޮތް އޯގާތެރިކަމާއި ހަމްދަރުދީ ހާމަވާ ކަމެއް ކަމަށެވެ.
"ގާތްގަނޑަކަށް 30 ގަޑިއިރު ތެރޭގައި 5.16 މިލިއަން ރުފިޔާ ލިބިގެން ދިޔަ ދިއުމަކީ ދިވެހިންގެ ހިތުގައި މިދެންނެވި މުސްލިމުންނާ މެދުގައި އޮތް އޯގާތެރިކަމާއި، ރަހުމާއި ހަމްދަރުދީ ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ދިޔަ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ސަލީމް ވިދާޅުވި އެވެ.
"ރާއްޖެޓީވީ މެދުވެރިވެގެން މި ފަންޑު އެއްކުރި ނަމަވެސް، އަޅުގަނޑުމެން މި ފައިސާ މި ހަދިޔާ ކުރަނީ، ދިވެހި ރައްޔިތުންގެ ނަމުގައި،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހާލުގައި ޖެހިފައިވާ ރެފިއުޖީންގެ އަދަދު 370،000 އަށް އަރާ ކަމަށެވެ.
ޓެލެތޯނުން ލިބުނު ފައިސާއިން އެހީވުމަށް ކަނޑައަޅާފައިވަނީ ފެނާއި ކާބޯތަކެތީގެ އިތުރުން ބޭސްފަރުވާއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، އެ ފައިސާ ރެޑް ކްރެސެންޓާ ހަވާލު ކުރީ، ރެޑް ކްރެސެންޓަކީ އެންމެ އިތުބާރާއެކު އެންމެ އަވަހަށް އެހީ ފޯރުކޮށްދެވޭނެ ފަރާތްކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
އެ ފަންޑުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުންނެވެ. އެ ގޮތުން އެ ފަންޑް އޮޑިޓް ކޮށްފައިވަނީ އެމްއެޗްޕީއޭ އެލްއެލްޕީއޭ އިންނެވެ.