ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ހަފްލާ ރޭ ބާއްވައިފި އެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި "ދިރާގު އެނުއަލް އެވޯޑް 2016" ގައި އެ ކުންފުނީގެ 49 މުވައްޒަފުންނަށް އިނާމު ދީފައިވެ އެވެ.

އެ ހަފްލާގައި އެ ކުންފުނީގެ އެންމެ ޝަރަފުވެރި އިނާމުކަމުގައި ޗެއާޕާސަން އެވޯޑު ހާސިލް ކޮށްފައިވަނީ ދިރާގުގެ އެސިސްޓެންޓް އިންޖީނިއާ ޒުލްހާމް އަބްދުލް ހަކީމް އެވެ.

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ ދިރާގު

ޗެއާޕާސަން އެވޯޑުގެ އިތުރުން އެ ހަފްލާގައި ދިގުމުއްދަތުގެ ހިދުމަތުގެ އިނާމުތަކާއި، ލީޑާޝިޕް އިނާމާއި، ޑިވިޝަނަލް މެރިޓް އެވޯޑާއި، ހާއްސަ މެރިޓް އެވޯޑްތަކުގެ އިތުރުން ސްޕެޝަލް ރެކޮގްނިޝަން ޓީމް އެވޯޑްތައްވެސް ދީފައިވެ އެވެ.

ދިރާގުން އެނުއަލް އެވޯޑު މެދުނުކެނޑި ބާއްވާތާ މިއީ 28 ވަނަ އަހަރެވެ. އެ ކުންފުނިން ބުނީ، އެ އެވޯޑް ހަފްލާ ބޭއްވުމުގެ މަގްސަދަކީ، ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުން ކުރިއެރުވުމަކީ ދިރާގުން އެންމެ އިސްކަންދޭ ކަމަށެވެ. އެގޮތުން މާލީ އިނާޔަތްތަކާއި، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ، ޑިޖިޓަލް މުސްތަގުބަލަކަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެ ގޮތް މަހުފަހި ކުރުމަށް ދިރާގުން ކެނޑިނޭޅި މުވައްޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދޭނެ ކަމަށެވެ.