އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ބުބަނޭޝްވަރުގައި ބާއްވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގައި ރާއްޖޭން ބައިވެރިވާ ވަފުދަށް އޮޑިޝާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ބާއްވާ އެ ސަމިޓުގައި ރާއްޖޭން 34 ބައިވެރިން ބައިވެރިވާއިރު، ސަމިޓް ބާއްވާ އޮޑިޝާއަށް ބައިވެރިން އައިސްފައި މިވަނީ ޗެންނާއީ ގައި އެއް ދުވަހު މަޑުކުރުމަށްފަހުއެވެ.

ސޭސްގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ ބައިވެރިން ބުބަނޭޝްވަރު އެއާޕޯޓުން ނުކުންނަނީ --- ސަން ފޮޓޯ

ރާއްޖޭގެ ވަފުދަށް ބުބަނޭޝްވަރު އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)ގެ ރައީސް ޖަޔަންތަ ޕަތްރާ އާއި އައިވައިސީގެ ސެކްރިޓޭރިއެޓް އެޑްމިން ޖަޔަންތަ ކުމާރެވެ. އަދި ވަފުދުގެ އިސްތިގުބާލުގައި ސަމިޓުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުން އެއާޕޯޓުގައި ތިއްބެވެ.

އެއާޕޯޓުން ނުކުމެ ސަމިޓުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވި ރަފީ ޖަމިއްޔާގެ ފައުންޑިން ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ، ރާއްޖޭގެ ވަފުދާމެދު ގެންގުޅުއްވި ގާތްކަމާއި ކިޔާފައިވާ މަރުހަބާއަށް އައިވައިސީއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ރާއްޖޭގެ ދިދައާއެކު ސޭސްގައި ބައިވެރިވާ ދިވެހި ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---

އަދި ސައުތު އޭޝިއަން ޔޫތު ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރާ ކަަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވަފުދާއެކު މުނުފޫހިފިލުވުމުގެ އައިޓަމްތައް ހުށަހަޅައިދޭ ފަންނާނުންނާއި ނޫސްވެރިން ވެސް ބައިވެރިވެއެވެ.

ބައިވެރިވާ ފަންނާނުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން ވިދާލި މުހައްމަދު މުއައްޒިން އަދި އޭމާ ހިމެނޭ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑު، "ހަބޭސް ގްރެވިޓީ"ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އަދި ސަމާ މޫސާ (ސަމްކޮ) ހިމެނެއެވެ.

ރާއްޖޭގެ ދިދައާއެކު ސޭސްގައި ބައިވެރިވާ ދިވެހި ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---

ސައުތު އޭޝިއަން ޔޫތު ސަމިޓުގެ ލޯކަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.