27 Jul 2011, 15:29
ފިލައިގެން ރަށްރަށުގައި އުޅޭ ގަވައިދާ ހިލާފު ބިދޭސީން ހޯދައި މާލެ ގެނައުމުގެ މަސައްކަތް ރޯދަމަހުގެ ތެރެގައި ފަށާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާލެއިން ހޯދައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަގެންދެވޭ ކަމަށާއި ނަމަވެސް މިވަގުތު އެފަދަ ބިދޭސީން ނަގަމުންދަނީ ބްލޫހެވަންގައި ބިދޭސީން ބައިތިއްބަން ހުރި އެކްސްޓެންޝަންގެ ޖާގައަށް ބަލައިގެން ކަމަށެވެ.
"މާލޭގައި ވަރަށް އެމަސައްކަތް އެބަގެންދަން. ދެން އަޅުގަނޑުމެން އަމާޒު ކުރާނީ އަތޮޅުތަކަށް. ރޯދަމަހުގެ ތެރޭގައި އެކި ސަރަހައްދުގެ ރަށްރަށުން ގަވައިދާ ހިލާފު ބިދޭސީން ނަގަން ފަށާނަން. އެކަމުގައި އަޅުގަނޑު ފަހެއް ނުޖެހޭނަން،" ޝާހިދު ވިދާޅުވި އެވެ. "ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާނެ ފަދައިން މާލޭގައި ބޭރަށް ނުފެނުނަސް ގަވައިދާ ހިލާފު ބިދޭސީން ކޮންޓްރޯލް ކުރުން ސިފައިންނާ އިމިގްރޭޝަނުން ވަރަށް ބާރަށް އެބަގެންދަން،"
ޝާހިދު ވިދާޅުވީ ރަށަކަށް އުޅޭ ގަވައިދާ ހިލާފު ބިދޭސީން ހޯދަން އެއްވެސް ރަށެއް ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
ސިފައިން ނުކުމެ ގަވައިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީން ހޯދަން މަސައްކަތް ފަށާނެ ކަމުގެ އިޝާރާތް ވުމާއެކު ގަވައިދާ ހިލާފު ބިދޭސީން ފުރަފުރައިގެން ރާއްޖެ އެކި ރަށްރަށް ދަތުރުކުރަމުންދާ ކަމަށް ޝާހިދު ކުރިން ވަނީ ވިދާޅުވެފަ އެވެ. އޭރު ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީން ފުރަފުރައިގެން ދަނީ ބޮޑެތި މަސައްކަތްތައް ހިންގާ ބައެއް ދިވެހި ވިޔަފާރިވެރިންގެ އެހީ ހޯދި ކަން އެނގިފައިވާ ކަމަށެވެ.