ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުގެ މަގާމުން ފާރޫގު މުހައްމަދު ހަސަން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ސީއީއޯގެ މަގާމުން ފާރޫގު ވަކިކުރީ އެލްޖީއޭ އާއި އޭނައާ މެދު މިދިޔަ އަހަރުގެ ފެބްރިއަރީ މަހުގެ ދިހަ ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާއި ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފާރޫގު ސީއީއޯ ކަމުން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ.

އެ މައްސަލާގައި ފާރޫގު ކޯޓުގައި އެދިވަޑައިގަތީ ވަޒީފާ އަނބުރާ ލިބިދިނުމަށާއި އެ ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ނަމަވެސް އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ އެއްގޮތަށްކަން ޝަރީއަތަށް ސާބިތުވާތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.