ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް ލ. އިސްދޫގައި ބެހެއްޓި ފަންޑް ފޮއްޓަށް ދެ ދުވަހުގެ ތެރޭގައި އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފި އެވެ.

އިސްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލް މިއަދު ސަން އަށް ވިދާޅުވީ 'ރޮހިންޔާ މުސްލިމުންނާ އެކު އިސްދޫ ރައްޔިތުން'ގެ ނަމުގައި އަންގާރަ ދުވަހު ފެއްޓި ހަރަކާތަށް ރޭގެ ނިޔަލަށް 100،265.09 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ފަންޑަށް ލިބުނު ޖުމުލަ އެނގޭނީ އެ ރަށު ސަރުކާރު މުވައްވަޒަފުންގެ މުސާރަ އިން ފަންޑަށް ކަނޑައަޅާ އަދަދު މިރޭ ފަންޑާ ހަވާލު ކުރުމުން ކަމަށެވެ.

އިސްދޫ ރައްޔިތުން 'ރޮހިންޔާ މުސްލިމުންނާ އެކު'-ފޮޓޯ/ އިސްދޫ ކައުންސިލް

"މި ހަރަކާތަކީ ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެއް. ރޭ ނުވައެއް ޖެހުމާ ހަމައަށް ހަރަކާތް ކުރިއަށް ގެންދިޔަ. ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ލިބުނު. ވަރަށް ގުޅިގެން މަސައްކަތްކޮށްފައި ވަނީ." 1800 މީހުން ރަޖިސްޓްރީގައި އޮންނަ ރަށާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ އާބާދީއަކީ 1800 މީހުން ކަމަށް ވިއަސް، އެ ރަށުގައި ރަސްމީކޮށް އުޅެނީ ގާތްގަނޑަކަށް 1200 ވަރަކަށް މީހުން ކަމަށެވެ.

ލ. އިސްދޫގައި ބެހެއްޓި ފަންޑު ފޮއްޓަށް ކުދިން ލާރި ލަނީ- ފޮޓޯ/ އިސްދޫ ކައުންސިލް

ލ.އިސްދޫގަ ބެހެއްޓި ފަންޑު ފޮށްޓަށް ކުޑަ ކުއްޖެއް ލާރި ލަނީ- ފޮޓޯ/ އިސްދޫ ކައުންސިލް

ފަންޑް ފޮށި ބެހެއްޓުމުގެ އިތުރުން ކަޕްކޭކް ވިއްކުމާއި ހެދިކާ ވިއްކުމުގެ އިތުރުން ސައިކަލް ދޮވުމުގެ ހަރަކާތްތައް ވަނީ އިސްދޫގައި ކުރިއަށް ގެންގޮއްސަ އެވެ.