ދިއްލީ (ސެޕްޓެމްބަރު 14): އިންޑިއާގައި ފުރަތަމަ ފަހަރަށް ބުލެޓް ޓްރެއިނެއް ހެދުމުގެ މަޝްރޫއު އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަޕާންގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ފައްޓަވާދެއްވައިފި އެވެ.

ޖަޕާނުން ދިން 17 ބިލިއަން ޑޮލަރުގެ ލޯނަކާ އެކު ފެއްޓި އެ މަޝްރޫއުގެ ދަށުން ހަދާ ރޭލު ދަތުރުކުރާނީ މުމްބާއި އާއި އަހުމަދުއާބާދު ސިޓީއާ ދޭތެރޭގަ އެވެ. އަދި މީގެ ފަސް އަހަރު ފަހުން އެރޭލުގެ ހިދުމަތް ފެށުމުން އެދޭތެރޭ ކުރާ ދަތުރުގެ ވަގުތު އަށް ގަޑި އިރުން ތިން ގަޑި އިރަށް ކުޑަވާނެ އެވެ. އެއީ 500 ކިލޯ މީޓަރުގެ ރާސްތާއެކެވެ.

އިންޑިއާގައި ބުލެޓް ޓްރެއިންގެ ހިދުމަތް ދިނުމަށް އިންވެސްޓް ކުރަން ޖަޕާނުން ނިންމީ މީގެ ދެ އަހަރު ކުރިން ބޮޑުވަޒީރު އަބޭ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އަދި މިވަގުތު ޖަޕާނަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އަބޭ ވަނީ މޯދީ އަކީ ކުރިއަށް ވިސްނަވާ ބޭފުޅެއް ކަމަށާއި، ދެން ކުރައްވާ ދަތުރުފުޅެއްގައި ބުލެޓް ޓްރެއިނަށް އެ ރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު އަބޭގެ އެދަތުރުފުޅުގައި ވެސް އިންޑިއާ އާއި ޖަޕާނާ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާގައި ކޮންމެ ދުވަހަކު ރޭލުގެ ހިދުމަތް 22 މިލިއަން މީހުން ބޭނުންކުރެ އެވެ. ނަމަވެސް ރޭލުތަކާއި ދަގަނޑު ގިނަ ދުވަސްވެފައި ވުމުން އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. އެގޮތުން މިދިޔަ މަހު އުއްތަރަ ޕްރަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓުގައި 23 މީހަކު ވަނީ މަރުވެފަ އެވެ. (ބީބީސީ)