14 Sep 2017, 13:08
އަންނަ އާދީއްތަ ދުވަހު އިންޑިއާގައި ފަށާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގައި ބައިވެރިވުމަށް ފުރާ ރާއްޖޭގެ ވަފުދާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ އަކިލޭޝް މިޝްރާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރުގައި އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރަފީ ޖަމިއްޔާގެ ފައުންޑިން ރައީސާ އާއިޝަތު ރަފިއްޔާ އާއި ޔޫތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީގެ އިތުރުން ސަމިޓުގައި ބައިވެރިވާ 25 ޒުވާނަކު ބައިވެރިވިއެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިއާ އަދި ރާއްޖެއާ ދޭތެރޭ ވާހަކަދެކެވި ހިޔާލާއި ތަޖުރިބާ ހިއްސާ ކުރުމަކީ ކުރިއަށް އޮތް ޖީލުތަކަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިންޑިއާ އަދި ރާއްޖެއަކީ ޒުވާނުންގެ އާބާދީ ބޮޑު އަދި ޒުވާން ހުނަރުވެރި ގިނަ ދެ ގައުމުކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، ޒުވާނުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކުން އައު ތަޖުރިބާ ތަކެއް ދެ ގައުމުގެ ދޭތެރޭގައި ގާއިމް ވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިކަހަލަ ކަންކަމުގައި އިންޑިއާ ސަރުކާރުން އަބަދުވެސް އެހީތެރިވެދޭނެ ކަމަށާއި ސޭސް ސަމިޓުގައި ބައިވެރިވުމަށް ރަފިއްޔާ ނެގި އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. އެކަމަށްޓަކާ ރަފިއްޔާ އަށާއި ރަޖީ ޖަމިއްޔާ އަށް ސަފީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން ބާއްވާ ސޭސް އަކީ ސާކް ސަރަހައްދުގެ ގައުމުތަކަށް، ހާއްސަކޮށް މި ސަރަހައްދުގެ ޒުވާނުންނަށް ދިމާވަމުންދާ މުހިއްމު މަައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ.
މިމަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ އެ ސަމިޓުގައި 400 ޒުވާނުން ބައިވެރިވާއިރު އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ، ޖަޕާން، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަނުން ބައިވެރިވެއެވެ.
އަދި ސަމިޓުގައި ރާއްޖެއިން އެކަނިވެސް 40 ބައިވެރިވިން ބައިވެރިވާއިރު ރާއްޖެއަކީ ސަމިޓު ބާއްވާ ގައުމު އިންޑިއާ އަށްފަހު އެންމެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ ގައުމެވެ. ރާއްޖެއިން ބައިވެރިވާ ވަފުދުގައި ރަފީ ޖަމިއްޔާގެ އޮފިޝަލުންނާއި ބައެއް ޒުވާނުންގެ އިތުރުން ރާއްޖޭގެ ބައެއް ފަންނާނުންނާއި މީޑިއާ އިން ބައިވެރިވެއެވެ.
ސޭސްގެ ލޯކަލް އޮންލައިން ޕާޓްނަރަކީ ސަން އޮންލައިއެވެ.