27 Jul 2011, 15:09
"ނޯވޭ ކަޕް" ގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ބީ ޓީމު އިއްޔެ ހަވީރު ނޯވޭގެ ވެރިރަށް އޮސްލޯއަށް ދިއުމަށް ފުރައިފި އެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިން އަންނަ މަހުގެ ހަ ވަނަ ދުވަހަށް ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމްގައި ހިމެނެނީ ނޭޕާލުގައި އޮންނަ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުން ބާކީވި ކުޅުންތެރިންނާއި މިދިޔަ އަހަރުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަންހޯދި މުހްޔިއްދީން ސްކޫލުގެ އަށް ކުޅުންތެރިންނާއި އައްޑޫ ވައިޑީޕީގެ ދެ ކުޅުންތެރިންނެވެ.
ނޯވޭއަށް ދިޔަ ޓީމްގެ މެނޭޖަރަކީ ވިލިމާލޭ މުހްޔިއްދީން ސްކޫލުގެ ޕްރިންސިޕަލެވެ.
ނޯވޭއަށް ދިޔަ ޤައުމީ ޓީމުގެ ހުރިހާ ހަރަދެއް އަލިފުޅު ތުއްތު ފައުންޑޭޝަން މެދުވެރިކޮށް ދެނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފާއި އިބްރާހިމް ނޫރައްދީނެވެ.
މީގެއިތުރުން އަންނަ މަހުގެ އެއްވަނަދުވަހު ނޭޕާލްގައި ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ 16 އަހަރުން ދަށުގެ އޭ ޓީމް މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބެންކޮކުގައި ޓްރެއިނިން ހޯދަމުން އަންނައިރު، ރާއްޖެ ޓީމް ނޭޕާލަށް ދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެފްއޭއެމް އިން ބުނެއެވެ.