ވޮޝިންޓަން (ސެޕްޓެމްބަރު 14): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާފަ ދަރިކަލަކު ލިބިއްޖެ އެވެ.

ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕާއި އަނބިކަނބަލުން ލާރާ ވަނީ އެދެބޭފުޅުންގެ ފުރަތަމަ ދަރިކަލުން، އެރިކް ލޫކް ޓްރަމްޕް އުފަންވިކަން ޓުވިޓާ މެދުވެރިކޮށް ހިއްސާކުރައްވާފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ކައިވެނި ބައްލަވައިގަތް އެރިކް ވަނީ ދަރިކަލުންގެ ފޮޓޯއެއް ވެސް ޓުވިޓާގައި ހިއްސާ ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން އެރިކް ޓްރަމްޕާއި އަނބިކަނބަލުން ލާރާ -- ފޮޓޯ: ރޮއިޓާސް

އޭގެ ފަހުން ރައީސް ޓްރަމްޕާއި، ދަރިކަލުން ޓްރަމްޕް ޖޫނިއާ އާއި ދަރިކަނބަލުން އިވަންކާ ވަނީ އެރިކް އާއި ލާރާއަށް މަރުހަބާ ވިދާޅުވެފައިފަ އެވެ. ޓްރަމްޕް ޖޫނިއާ އާއި އަނބިކަނބަލުން ވެނެސާގެ ފަސް ބޭފުޅުން ތިއްބަވާ އިރު، އިވަންކާ އާއި ޖެރަޑް ކުޝްނާގެ ތިން ބޭފުޅުން ތިއްބަވަ އެވެ.

މި އަހަރުގެ ކުރީކޮޅު ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން ޓްރަމްޕް އޯގަނައިޒޭޝަން ހިންގުން ހަވާލުކޮށްފައި ވަނީ ޑޮނަލްޑް ޖޫނިއާ އާއި އެރިކް ޓްރަމްޕާ އެވެ. (ބީބީސީ)

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއަށް ވަނީ އިތުރު މެމްބަރަކު އިތުރުވެފައި -- ފޮޓޯ: ރޮއިޓާސް