14 Sep 2017, 11:05
ނިޔުޔޯކް (ސެޕްޓެމްބަރު 14) : މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އެގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.
ރޮހިންޔާ އިންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގައި މިޔަންމާ ސިފައިން ނާއި ހަރުކަށި ބުޑިސްޓުން އެ ގައުމުގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކެއް ކުރަމުންގެންދާ ކަމަށް އެއްބަސްވެ އެކަން ވަގުތުން ހުއްޓާލުމަށް އެދިފައިވެ އެވެ. މިކަމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް އެމަޖިލީހުގައި ހިމެނޭ ހުރިހާ މެންބަރުން ވެސް ތާއީދުކޮށްފައިވެ އެވެ. މީގެ އިތުރުން ހާލުގައި ޖެހިފައިވާ ރޮހިންގާއިން ނަށް އިންސާނީ އެހީ އާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.
އަނެއްކޮޅުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓޭރަސް ވަނީ މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލެއްކަމަށް ސިފަކުރައްވައިފަ އެވެ. ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ގްޓޭރަސް ވިދާޅުވީ މިޔަންމާގެ ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތައް ސިފަކޮށްދޭ ފޮޓޯތަކާއި ރިޕޯޓްތަކުން ހިތްފަޅައިގެންދާވަރުވާ ކަމަށާއި ރޮހިންގާ މުސްލިމުން ވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމުގަ އެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި މިޔަންމާގެ ހަރުކަށި ސަރުކާރު ހިމާޔަތް ކުރަން އެއްވެސް ގައުމަކުން މަސައްކަތް ކޮށްފައެއް ނުވެ އެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނަރު ޒައިދުބިން ރަޢްދުލްޙުސައިން ވަނީ މިޔަންމާ ސިފައިން ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަނީ ރޮހިންގާއިންގެ ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށާ މިޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް ބަލައި އެފަރާތްތައް ބައިނަލްއަގްވާމީ އަދާލަތަށް ޙާޒިރު ކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިއީ މިޔަންމާގެ ހަރުކަށި އަދި އަނިޔާވެރި ލީޑަރު އަންގްސަންގް ސޫޗީ އަށް ރައްދުވާ ބަހެއްކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)