14 Sep 2017, 09:45
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމަކާއެކު ފެޔެނޫޑް އަތުން ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ފެޔެނޫޑްއާ ދެކޮޅަށް ކުޅުނު 'ގްރޫޕް އެފް'ގެ މެޗުން ސިޓީ މޮޅުވެފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ދެ ހާފުގައި ވެސް ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ.
އެ މެޗުގެ ދެވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސިޓީގެ ފުރަތަމަ ލަނޑު އިނގިރޭސި ޑިފެންޑަރު ޖޯންސް ސްޓޯންސް ކާމިޔާބުކޮށްދިންއިރު، މެޗުގެ ދިހަ ވަނަ މިނެޓުގައި ކައިލް ވޯލްކާ ދިން ބޯޅައަކުން ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއެވެ.
މެޗުގެ ފުރަތަމަ 25 މިނެޓް ނިމުމުގެ ކުރިން ސިޓީން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ފެޔެނޫޑްއަށް ރަނގަޅަށް ދިފާއު ނުކުރެވުމާއެކު ލިބުނު ބޯޅައަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއެވެ.
ސިޓީގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސްޓޯންސްއެވެ. އެއީ އެއް މެޗެއްގައި ސްޓޯންސްގެ ފަރާތުން ދެ ލަނޑު ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.