މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގެ އިބްރާހިމް ނާސިރަށް ނިސްބަތްވާ ގޮތަށް ބަދަލުކޮށް، އިއްޔެއިން ފެށިގެން އެއީ "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފި އެވެ.

ޓްރާންޕޯޓް މިނިސްޓަރު އާދިލު ސަލީމް މިއަދު ވިދާޅުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެއާޕޯޓްގެ ނަން ރައީސް ނާސިރަށް ނިސްބަތް ކުރަން ނިންމެވުމަށް ފަހު މިއަހަރުގެ މިނިވަން ދުވަހުން ފެށިގެން އެ ނަން ބޭނުން ކުރަން ހުރިހާ ފަރާތްތަކަކަށް އަންގާފައިވާނެ ކަމަށެވެ.

"ނަން ބަދަލުވުމާ ގުޅިގެން ކުރަންޖެހޭ އެހެން ހުރިހާ ކަމެއް ވެސް މިހާރު ހިނގަމުންދާނެ، އެކަންކަން ކުރާނީ ނާސިރު އިންޓަނޭޝަލް އެއާޕޯޓް ހިންގާ ކުންފުނިން،" މިނިސްޓަރު ވިދާޅުވި އެވެ. އެއާޕޯޓްގެ ނަން ބަދަލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ނުބޭއްވީ އެއީ އެހާ މުހިންމު ކަމަކަށް މިވަގުތަށް ނުފެންނާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ހުޅުލޭ އެއާޕޯޓް ހިންގަނީ އިންޑިއާގެ ޖީއެމްއާރު ކުންފުނިންނެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ފަށާފައިވާ ފިޔަވަހި ނިމޭއިރު އޮންނަ ފުރިހަމަ އެއާޕޯޓަކީ އެ އެއާޕޯޓް އެޅުއްވި ބާނީ، ރައީސް ނާސިރުގެ ނަންފުޅަށް ނިސްބަތްވާ އެއާޕޯޓަކަށް ވެފައި އޮތުމަކީ ވަރަށް ރަނގަޅު އަދި ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. ހުޅުލޭގައި އެއާޕޯޓް އެޅީ ނާސިރުގެ ބޮޑު ވަޒީރު ކަމުގައި ސީދާ ނާސިރުގެ ބެއްލެވުމުގެ ދަށުންނެވެ.