14 Sep 2017, 09:46
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހެރީ ކޭންގެ ދެ ލަނޑާއެކު ބޮރޫޝިއާ ޑޯޓްމަންޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ރޭ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލަނޑެއް ޖަހާ ލީޑު ހޯދައިފައެވެ. ހެރީ ކޭން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހުއެން މިން ސޮންއެވެ. އޭގެ ހަ މިނެޓް ފަހުން ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އަންދްރީ ޔާމޮލެންކޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޝިންޖީ ކަގާވާ ދިން ބޯޅައަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމްއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ޑޯޓްމަންޑުން ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނެޓް ފަހުން ޓޮޓެންހަމް އިން ވަނީ އަލުން ލީޑު ހޯދައިފައެވެ. ޖޭން ވާޓޮންގެން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޭންއެވެ. އެ ލަނޑާއެކު 2010 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު މެޗުގައި ލަނޑު ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު އޭނާ ވަނީ ހޯދައިފައެވެ. އެއީ 2010 ވަނަ އަހަރު ވޭން ރޫނީ ގާއިމްކުރި ރެކޯޑެކެވެ.
ޓޮޓެންހަމްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކޭންއެވެ.
ޓޮޓެންހަމްއިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެވަނަ ރީނދޫ ކާޑަކާއެކު ޓޮޓެންހަމްގެ ވާޓޮންގެންއަށް ރަތް ކާޑެއް ދެއްކީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ.