ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރު 10 ދުވަސް އިތުރުކޮށްދީފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު 10 ދުވަސް އިތުރުކޮށްދިނީ މިއަދުގެ ވަގުތެއްގަ އެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މިމަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ކަރެކްޝަންސް އިން ފުރަތަމަ ނިންމީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ނިންމުން މުރާޖާކޮށްދިނުމަށް ގާސިމްގެ އާއިލާ އިން އެދުމުން މިއަދު ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދަރިކަލުން މުހައްމަދު ޔަގްސާން ގާސިމް ސޮއިކުރައްވައި ފޮނުވި އެ ސިޓީގައި ވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން ޑޮކްޓަރު ލަފާދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯޕްލާސްޓީ އަދި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެއްދެވުމަށެވެ. އެ ޕްރޮސީޖާ މި މަހުގެ 15 ވަނަ ދުވަހު ހެއްދެވުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

"ޑޮކްޓަރު ލަފާދެއްވާފައި ވަނީ ބައްޕަގެ ހާލަތު ސްޓޭބަލް ވަންދެން އެމަނިކުފާނުގެ ކޮންޑިޝަން ގާތުން މޮނިޓާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ވައިގެމަގުން ދަތުކުރެވޭނީ 2017 ޑިސެމްބަރުގެ ފަހުން ކަމަށް ވެސް ޑޮކްޓަރުން އަންގަވާފައިވެއެވެ،" ގާސިމްގެ ދަރިކަލުން ފޮނުއްވި ސިޓީގައިވެއެވެ.

އެ ސީޓުގައި ގާސިމްގެ ދަރިކަލުން އެދިވަޑައިގެންފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި އެމަނިކުފާނު ހުންނެވުމުގެ ހުއްދަ ދެއްވުމަށާއި އަދި ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތު ވެސް އިތުރުކޮށްދިނުމަށެވެ.

އެ ސިޓީއާއެކު ޑޮކްޓަރުގެ ލިޔުމުގެ ކޮޕީ ވެސް ވަނީ ހުށަހަޅާފައެވެ.

ހިތުގެ އާލާސްކަންފުޅަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯއްދެވި ގާސިމް އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވާތާ 13 ދުވަސް ފަހުންނެވެ.

އަދި އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާގެ މައްޗަށް ތިން އަހަރާ ދެ މަހާ 12 ދުވަހުގެ ހުކުމެއް ކުރިއިރު، ގާސިމްގެ ޖަލު ހުކުމް، ގޭ ބަންދުގައި ތަންފީޒު ކުރަންޖެހޭ ގޮތަށް ފަހުން ވަނީ ނިންމާފައެވެ.