ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިގްތިސާދީ ބިލްތަކާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ މައުލޫމާތު މާލޭގެ ހަތަރު ސްކޫލެއްގެ ދަރިވަރުންނަށް އުގަންނައިދީގެން މިނިވަން ދުވަހާ ދިމާކޮށް ވާހަކަ ދެއްކުމުގެ މުބާރާތެއް އިއްޔެ ބާއްވައިފި އެވެ.

އެޑިއުކޭޝަލް ޑިވެލޮޕްމަންޓް ސެންޓާ ]އީޑީސީ[ އިން އިންތިޒާމްކޮށްގެން އިއްޔެ ދަރުބާރުގޭގައި ބޭއްވި، އިންޓާ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިކޮށްފައި ވަނީ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިގެ 12 ކުދިންނެވެ. އަދި އެ މުބާރާތުގައި ވާދަކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ އިތުރުން ތާޖުއްދީން ސްކޫލްގެ ދަރިވަރުންނެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތަކުގެ މައުލޫމާތު ސްކޫލްތަކުގެ ދަރިވަރުންނަށް ދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި އެ މިނިސްޓްރީގެ އިތުރު ބޭފުޅެއް ކަން ސަން އަށް ވަނީ އެނގިފަ އެވެ. އަދި ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވާ 14 ބިލެއްގެ މައުލޫމާތު ވެސް އެ ދަރިވަރުންނަށް ދީފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި އެ މާއުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ދަރިވަރުން ވާހަކަ ދެއްކުމުގެ މުބާރާތައް ތަމްރީންކޮށްދެއްވީ ދަރުމަވަންތަ ސްކޫލްގެ ކުރީގެ ދިވެހި ޓީޗަރު އަދި މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު )ކާނަލް( އެވެ.

ފައިނޭސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ ސްކޫލްތަކުގެ ވާހަކަ ދެއްކުމުގެ މުބާރާތަށް ތައްޔާރުވި ދަރިވަރުންނަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ދެއްވީ ކޮން ބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
ކާނަލް ފޯން ނިއްވާލާފައިވާތީ އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިއްޔެގެ ވާހަކަ ދެއްކުމުގެ މުބާރާތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަޑައިގެން މުބާރާތް ބެއްލެވި އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސްކޫލްތަކުގެ ވެރިންގެ އިތުރުން މާލޭގެ ސާނަވީ ސްކޫލްތަކާއި ޕްރިމަރީ ސްކޫލްތަކުގެ ދަރިވަރުން ވެސް އެ މުބާރާތް ބެލުމަށް ދަރުބާރުގެއަށް ދިޔަ އެވެ.

މުބާރާތުގައި ދަރިވަރުން އިންސާފު ކުރި މައުޟޫތަކުގެ ތެރޭގައި ފޮރިން އިންވެސްމަންޓް ގާނޫނު އުވާލުމުގެ މުހިއްމު ކަމާއި ބިމާ ބެހޭ ގާނޫނުގެ މުހިއްމު ކަމުގެ އިތުރުން މިނިވަން ކަމުގެ ހަގީގަތަކީ ކެރިފޯރުންތެރިވުން ކަމަށް ބުނެ ދަރިވަރުން ވާހަކަ ދެއްކި އެވެ. އަދި ދައުލަތުގެ ދަރަނި ކުޑަ ކުރުމަށް ޓެކްސް ނެގުމުގެ މުހިއްމު ކަމުގެ މައްޗަށާއި ދަރަނިވެރި ގައުމެއްގެ ރައްޔިތުންނަކީ މިނިވަނުން ނޫން ކަމަށް ބުނެ، ދަރިވަރުން ޝުއޫރު ފާޅުކޮށްފައިވެ އެވެ. އަދި އިޖުތިމާއީ އަދާލަތު ގާއިމް ކުރެވޭނެ ގޮތްތައް ވެސް އެ ދަރިވަރުން ކިޔައިދިނެވެ.

އެ މައުޟޫތަކަށް ވާހަކަ ދެއްކި ހުރިހާ ދަރިވަރުންގެ ވާހަކަތައް ވެސް ބައްޓަންކޮށްފައި ވަނީ ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ މައްޗަށެވެ. އަދި އެ ބިލްތައް ފާސްވެގެންދިއުމުން އާންމު ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތި މީހާ އަށް ވެސް ފައިދާވާނެ ކަމަށް ބުނެ، އެ ދަރިވަރުން ވާހަކަ ދެއްކި އެވެ.
ސަރުކާރުގެ ބައެއް ސިޔާސަތުތައް އުގަންނައިދީގެން ވާހަކަ ދެއްކުގެ މުބާރާތެއް އިއްޔެ ބާއްވައިފައިވާ އިރު، މިދިޔަ ޖޫން މަހު ބ. ކެންދޫ ކައުންސިލަރުންތަކެއް ވަނީ އެ ރަށު ސްކޫލުގެ ސާނަވީ ގްރޭޑްތަކުގެ ކުދިންނަށް އެމްޑީޕީގެ މެނިފެސްޓޯ ކިޔައިދީފަ އެވެ.