13 Sep 2017, 16:00
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުލަތަށް މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާ އިން މިއަދު އާންމުކުރި މިދިޔަ މަހުގެ މާލީ ބަޔާނުން ދައްކާ ގޮތުން މިދިޔަ މަހު މީރާ އިން ދައުލަތަށް އެއް ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ ތެރެއިން 39.7 މިލިއަން ރުފިޔާ ލިބިފައި ވަނީ ޑޮލަރުން ކަމަށް މީރާގެ މާލީ ބަޔާނުން ދައްކަ އެވެ.
މިހަރުގެ އޮގަސްޓް މަހު މީރާއަށް ލިބުނު އާމްދަނީ އަކީ މިދިއަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާ އިރު 0.4 ޕަސެންޓް ދަށް އަދަދެއް ކަމަށް މީރާގެ މާލީ ބަޔާނުން ހާމަކުރެ އެވެ.
މީރާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ 46 ޕަސެންޓެވެ. ދެވަނައަށް މީރާއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ 16.2 ޕަސެންޓާ އެކު ރަށްތަކާއި ފަޅުތައް ދޫކުރުމުން ލޭންޑް އިކިއުޒިޝަން ފީގެ ގޮތުގަ އެވެ.
މީގެ އިތުރުން މީރާއަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ ތެރޭގައި ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އާއީ ގްރީން ޓެކްސްގެ އިތުރުން ދައުލަތަށް ނަގާ އެހެނިހެން ފީގެ ގޮތުގައި ލިބުނު ފައިސާ ވެސް ހިމެނޭ ކަމަށް މީރާގެ މާލީ ބަޔާނުން ދައްކަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ދައްކަން ޖެހޭ ފައިސާ އެ އަހަރުގެ އޮގަސްޓް މަހުގައި ދައްކާފައި ވާތީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލައި މި އަހަރުގެ މީރާގެ އާމްދަނީ ދަށްވެފައިވާ ކަމަށް މީރާގެ މާލީ ބަޔާނުގައި ބުނެ އެވެ.