އާޖެންޓީނާގެ ކޯޗް ކަމުގެ މަޤާމުން ސާޖިއޯ ބަޓިސްޓާ ވަކިކުރުމުން އެ މަޤާމަށް އެގައުމުގެ ކުރީގެ ފޯވާޑް ކާލޯސް ބިއަންޗީ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ކޯޗް ކަމުގެ މަޤާމުން ސާޖިއޯ ވަކިކުރީ އަމިއްލަ ޤައުމުގައި ނިމިގެންދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ލިބުނު ނާކާމިޔާބާ ގުޅިގެނެވެ.

މުބާރާތުގައި އެދެވޭ ނަތީޖާއެއް އާޖެންޓީނާއަށް ނުނެރެވުނުއިރު، މުބާރާތުން އާޖެންޓީނާ އަލްވާދު ކިޔަންޖެހުނީ މިފަހަރުގެ ޗެމްޕިއަންކަން ހޯދި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު ކުއާޓާފައިނަލް މެޗުގައި ޕެނެލްޓީ ޖަހައި ބަލިވެގެނެވެ.

އިޓަލީގެ އޭއެސް ރޯމާ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ދެ ފަހަރެއްގެ މަތިން ކޯޗްކަން ކޮށްފައިވާ ކާލޯސް ބިއަންޗީ ބުނީ، ޤައުމީ ޓީމަށް ކޯޗްކަން ކޮށްދިމުމަކީ އަބަދުވެސް ހިތު އަޅައިގެން ހުންނަ ކަމެއް ކަމަށެވެ.

"އަހަރެން، އަހަރެންގެ ޤައުމީ ޓީމް ދެކެ އަބަދުވެސް ލޯބިވޭ. ކުރިންވެސް ލޯބިވޭ. މިހާރުވެސް ލޯބިވޭ. އޭރު އަހަރެންނަކީ ޓީމް ތަމްސީލް ކުރާ ކުޅުންތެރިއެއް. މިހާރު ބޭނުމީ ޓީމަށް އިރުޝާދު ދޭން. ކޯޗް ކަމަށް ޝައުގު ވެރިވޭ. ކުރިވެސް ހިތަށް އަރާ ކޯޗް ކަމުގެ މަޤާމް ލިބޭނީ ކޮންދުވަހަކުންހޭ؟ މިހާރު ވަރަށް ޝައުގުވެރިވޭ. ފުޓްބޯޅައިގައި އަހަރެންގެ ޤައުމަކީ ނަމޫނާ ޤައުމަކަށް ހަދަން ބޭނުން،" ކުރީގެ ފޯވާޑް ބުންޏެވެ.
އުމުރުން 62 އަހަރުގެ ކާލޯސް، ގައުމީ ކޯޗް ކަމުގެ މަޤާމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، މީޑިއާ ރިޕޯޓްތަކުން ބުނީ އާޖެންޓީނާގެ ކޯޗްކަމަށް ޕެރަގުއޭގެ ކޯޗު ގެރާޑޯ މާޓީނޯ އާއި ޔޫއޭއީގެ އަލް ޖަޒީރާގެ ކޯޗު އަލެހަންޑުރޯ ސަބެލާ ކުރިމަތި ލާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ކެޓުމާ ގުޅިގެން އޭރުގެ ކޯޗަކަށް ހުރި ޑިއޭގޯ މަރަޑޯނާ ވަކިކުރުމަށް ފަހު، އެ މަގާމު ރަސްމީކޮށް ބަޓިސްޓާއާ ހަވާލުކުރީ މީގެ ހަ މަސް ކުރިންނެވެ.

ކޯޗް ކަމުގެ މަޤާމުން ސާޖިއޯ ބަޓިސްޓާ ވަކިކުރުމުން ކުރީގެ ކޯޗް ޑިއާގޯ މެރަޑޯނާ ބުނީ، އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގޮތް ކަނޑައަޅަނީ ކުރިއަށް ނުވިސްނާ ކަމަށާއި ބަލިވާ ކޮންމެ ފަހަރަކު ކޯޗުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށެވެ.