އޭޝިޔާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ޑުސިޓް އިންޓަނޭޝަނަލް އިން 77 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބ. އަތޮޅު މުއްދޫގައި ހަދާ ފަސްތަރީގެ ރިސޯޓު މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ ޓްރެވަލް ހަބަރުތަށް ގެނެސްދޭ އޮންލައިން ނޫސް، "މޯލްޑިވްސް ޑޮޓް ނެޓް" ގައި ޑުސިޓް އާއި ހަވާލާދީ ބުނެފައިވަނީ ގާތްގަޑަކަށް 186000 ސުކްޔާ މީޓަރުގެ މުއްދޫގައި ތަރައްގީކުރާ ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުގައި 46 ބީޗް ވިލާއާއި ދެ ބީޗް ހައުސް 30 ވޯޓާ ވިލާ 20 އޯޝަން ވިލާ އަދި ދެ އޯޝަން ހައުސް ހުންނާނެ ކަމަށެވެ. މުއްދޫގައި ހަދާ 50 މީޓަރުގެ ސުވިމިން ޕޫލަކީ ރާއްޖޭގެ އެންމެ ބޮޑު ސުވިމިން ޕޫލްކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ޑުސިޓް އިން 33 އަހަރަށް މުއްދޫ ގަތުމަށް އެޑްވާންސްގެ ގޮތުގައި 500000 ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. މިހާރުވެސް 22 ހޮޓަލެއް އޮޕަރޭޓް ކުރުމުން އަންނަ ޑުސިޓްގެ ފުރަތަމަ ރިސޯޓު ޑިސެމްބަރު މަހު ހުޅުވާއިރު އެ ރިސޯޓުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔެއް ނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

މުއްދޫ ހުޅުވަން ތައްޔާރުވެފައިވާއިރު ކައިރީގައި އޮންނަ ބ. ދަރަންވަންދޫގައި ޑުސިޓްގެ ފަރާތުން އަންނަނީ ޑޮމެސްޓިކް އެއާޕޯޓެއް ވެސް ތަރައްގީކުރަމުންނެވެ.