12 Sep 2017, 18:45
ވިލިމާލެ ފަޅުތެރެއަށް މިދިޔަ އާދިއްތަ ދުވަހު އަޑިއަށް ދިޔަ މުދާ އުފުލާ ދޯނި އެމްއެންޑީއެފުން މިއަދު ފެންމަތިކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ 'ބުލް ހެޑް' ނަމަކަށް ކިޔާ ދޯނި ގިނަ އަދަދެއްގެ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަނިކޮށް ދިޔަވާން ފެށުމުން ވިލިމާލެ ފަޅަށް ވެއްދި ނަމަވެސް އޭގައި ހުރި ޕަމްޕުތައް ބޭނުންކޮށްގެން ދިޔަގަނޑު ކޮންޓްރޯލް ނުކުރެވި އަޑިއަށް ދިޔައީ ކަމަށެވެ.

ވިލިގިލީ ފަޅުތެރެއަށް އަޑިއަށް ދިޔަ ދޯނި --- ފޮޓޯ: އެމްއެންޑީއެފް
މިދިޔަ އާދިއްތަ ދުވަހު އަޑިއަށްދިޔަ އެ ދޯނި ފެންމަތި ކުރުމުގައި ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރިވެފައި ވަނީ މިއަދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
"މިގޮތުން ދޯނީގެ ވަށައިގެން ތާންގީ ޖަހައި ދޯނި ފެންމައްޗަށް ނެގުމަށްފަހު ދޯނީގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފަ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދޯނި ފެންމަތިކޮށް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު މިހާރުވަނީ ތިލަފުއްޓަށް ގެންގޮސްފައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.