އެއާ އޭޝިޔާ އާއި އޯލް އެޗް މޯލްޑިވްސް އަދި މޯލްޑިވްސް ގެޓްއަވޭސް ގުޅިގެން "މޯލްޑިވްސް ޓްރެވަލް ފެއާ" ގެ ނަމުގައި މެލޭޝިއާގައި ބާއްވާ ފުރަތަމަ ފެއާ މިއަދު ކުއާލާ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓްގައި ފަށައިފިއެވެ.

އެ ފެއާ ކުރިޔަށްދާނީ މިއަދުން ފެށިގެން މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 8:00 ގެ ނިޔަލަށް ކަމަށް ގެޓްއަވޭސްއިންް ބުންޏެވެ.

ކުއާލާ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާ މޯލްޑިވްސް ޓްރެވަލް ފެއާގެ ތެރެއިން -- ފޮޓޯ/ ގެޓްއަވޭސް

މޯލްޑިވްސް ގެޓްއަވޭސް އިން ބުނީ އެ ފެއާ ބޭއްވުމުގެ މަގްސަދަކީ ރާއްޖެއަކީ ހަމައެކަނި މަހުޖަނުންނަށް އާދެވޭނެ ލަގްޒަރީ މަންޒިލެއް ނޫންކަމާއި އެކަށީގެންވާ ހެޔޮ އަގެއްގައި ކޮންމެ މީހަކަށްވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެކަން ބޭރުގެ ފަރާތްތަކަށް އެންގުން ކަމަށެވެ.

އެގޮތުން އެއާ އޭޝިއާ އާއި އެއާ އޭޝިއާ ތައި ފްލައިސް އިން ހެޔޮ އަގުގައި ރާއްޖެ ދަތުރުކުރުމަށް ޓިކެޓް ވިއްކަމުން ދާކަމަށް ގެޓްއަވޭސްއިން ބުންޏެވެ. މީގެ އިތުރުން ލޯކަލް ހޮޓެލިއާސް އާއި އެއާ އޭޝިއާ އިން އެކަށީގެންވާ ހެޔޮ އަގެއްގައި ރާއްޖެ އައުމަށްޓަކައި ޓްރެވަލް ޕެކޭޖްތަޖެއްވެސް ފޯރުކޮށްދެމުން ދާ ކަމަށް ގެޓްއަވޭސްއިން ބުންޏެވެ.

ކުއާލާ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާ މޯލްޑިވްސް ޓްރެވަލް ފެއާގެ ތެރެއިން -- ފޮޓޯ/ ގެޓްއަވޭސް

ފެއާއިން ލިބިގެންދާ ޕެކޭޖްތައް

  • ދެމީހެއްގެ ހުރުން ތިން ދުވަހުގެ (ދެ ރޭ) އެއާޕޯޓް ޓްރާންސްފާއާ އެކު 225 ޑޮލަރު

  • ދެމީހެއްގެ ހުރުން ހަތަރު ދުވަހުގެ (ތިން ރޭ) އެއާޕޯޓް ޓްރާންސްފާއާ އެކު 285 ޑޮލަރު

އެ ޕެކޭޖްތަކުގެ ރިޒަވޭޝަން ފެއާގެ ތެރޭގައި ހައްދަންޖެހޭއިރު، ޕެކޭޖްތައް ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ކުއާލާ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާ މޯލްޑިވްސް ޓްރެވަލް ފެއާގެ ތެރެއިން-- ފޮޓޯ/ ގެޓްއަވޭސް

އެ ފެއާގައި ރާއްޖޭގެ ރިސޯޓް ތަކާއި ގެސްޓް ހައުސްތަކުން ބައިވެރިވެއެވެ. ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އަނދާރަން ރިސޯޓް، ވިލާ ހޮޓެލްސް އެންޑް ރިސޯޓް، ޕުލުމޭރިއާ މޯލްޑިވްސް، ސެރެން ސްކައި ތޮއްޑޫ، ޖުޕިޓާ ސަންރައިސް ލޮޖް، ޝެލޯ ލެގޫން ރަސްދޫ، ޔޫއައި ހޮޓެލްސް، ކްރިސްޓަލް ސޭންޑް މާފުށި އަދި ލޯކަލް އައިލެންޑް އިން ހަންޏާމީދޫ ހިމެނޭކަމަށް ގެޓްއަވޭސް އިން ބުންޏެވެ.

ކުއާލާ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށްދާ މޯލްޑިވްސް ޓްރެވަލް ފެއާގެ ތެރެއިން -- ފޮޓޯ/ ގެޓްއަވޭސް

އެ ފެއާއަށް ދާ މީހުންނަށް ފެއާގެ ފޮޓޯ ނެގުމަށްފަހު ހޭޝް ޓެގް މޯލްޑިވްސް ޓްރެވަލް ފެއާ(maldivestravelfair#) ޖެހުމަށްފަހު އިންސްޓާގްރާމަށް އަޕްލޯޑް ކުރުމުން، އެންމެ ކްރިއޭޓިވް ފޮޓޯ ނަގާފައިވާ ފަރާތަކަށް ރާއްޖޭގައި ތިން ދުވަހުގެ ހުރުން ލިބިގެންދާނެކަމަށްވެސް އެ އެޖެންސީން ބުންޏެވެ.