ޔުނައިޓެޑް އަރަބް އެމިރޭޓްސް )ޔޫއޭއީ( އިން ދޭ ތިމާވެށީގެ އެވޯޑެއް ކަމަށްވާ ޒައިދު ފިއުޗާ އެނަޖީ ޕްރައިޒް ދިނުމަށްޓަކައި މީހުން ކަނޑައަޅާ ޖަޖުންގެ ޓީމްގައި ރާއްޖޭގެ ރައީސް މުހައްމަދު ނަޝީދު މިއަހަރު ހިމަނައިފި އެވެ.

ޔޫއޭއީގެ ދަ ނެޝަނަލް ނޫހުގައިވާ ގޮތުން ޖަޖުންގެ ޓީމްގައި ރައީސް ނަޝީދުއާ އެކު ދެން ހިމެނެނީ އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އާއި ޓެނިސް ޗެމްޕިއަން އަންދްރޭ އަގާސީ އާއި ދެކުނު އެފްރިކާގެ އެނަޖީ މިނިސްޓަރު އެލިޒަބަތު ޑިޕުއޯ ޕީޓާސް އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަނބަލުން އަދި ޔޫއެން ފައުންޑޭޝަން އެންޑް ބެޓާ ވޯލްޑް ފަންޑްގެ ރައީސާ ޝެރީ ބްލެއާ އެވެ.

ޒާއިދު ފިއުޗާ އެނަޖީ ޕްރައިޒް ލިބޭ ފަރާތަކަށް ޖުމްލަ ހަތަރު މިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ދަ ނެޝަނަލްގައިވެ އެވެ.

އެވޯޑަށް ވާދަކުރާނީ ތިމާވެށްޓާ ރަށްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ވަރުގެ ފައިދާއެއްވާ ގޮތަށް މަސައްކަތް ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކެވެ. އަދި އެ އެވޯޑްގައި ހިމެނޭ ލައިފްޓައިމް އެވޯޑް ކެޓަގަރީއަށް ވަކިވަކި ސިޔާސީ ލީޑަރުންނާއި ސައިންސްވެރިންނާއި ވިޔަފާރިވެރިން ވާދަކުރާނެ އެވެ.

އެވޯޑް ދިނުމަށް ޖަޖުން ހޮވާފައި ވަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން އެބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ބަލާފައި ކަމަށް ޒާއިދު ފިއުޗާ އެނަޖީ ޕްރައިޒްގެ ޑިރެކްޓާ ޖެނެރަލް ސުލްތާން އަލް ޖާބިރުއާ ހަވާލާދީ ދަ ނެޝަނަލްގައިވެ އެވެ.

"އެއިން ކޮންމެ ބޭފުޅަކަށް އެ ދާއިރާ އިން ]ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާ[ އިން ލިބިވަޑައިގެންފައިވާ ތަޖުރިބާއާ އިން އަޅުގަނޑުމެންނަށް ފައިދާ ކުރާނެ" ސުލްތާން އަލް ޖާބިރު ވިދާޅުވި ކަމަށް އެނޫހުގައިވެ އެވެ.
ޒައިދު ޕްރައިޒްގެ ޖަޖަކަށް ރައީސް ނަޝީދު ހަމަޖައްސަވާފައި ވަނީ 10 އަހަރުގެ ތެރޭގައި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހައްދަވަން ކުރައްވާ މަސައްކަތްޕުޅަށް ބަލައިގެން ކަމަށް ދަ ނެޝަނަލްގައިވެ އެވެ.