ސައުދީ އެރެބިޔާ އިސްވެ އޮވެ އުފައްދައިފައިވާ ކޯލިޝަނުން ޔަމަނަށްދޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗު (އެޗްއާރުޑަބްލިއު) އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އެޗްއާރުޑަބްލިއު އިން ބުނީ ފާއިތުވެ ދިޔަ ދެ މަސް ދުވަހު ސައުދީން ދިން ހަމަލާތަކުގައި ވަނީ 36 އާންމުން މަރުވެފަ އެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ސައުދީން ދިން ވައިގެ ހަމަލާތަކެއްގައި ހަތަރު ގެއަކާއި ފިހާރައަކަށް އަމާޒުވެފައިވާ ކަމަށާއި އަދި މިއީ ގަސްދުގައި ނުވަތަ ބާލަނުލައި އަވަސް އަރުވައިލައިގެން ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް އެޗްއާރުޑަބްލިއު އިން ބުންޏެވެ.

"ގަސްދުގައި ނުވަތަ އަވަސްއަރުވައިލައިގެން ދިން ހަމަލާތަކެއް ކަމުގައި ވިޔަސް މިއީ ހަނގުރާމައިގެ ޖަރީމާއެއް،" އެޗްއާރުޑަބްލިއުއިން ނެރުނު ރިޕޯޓުގައި ބުންޏެވެ.

ސައުދީ ކޯލިޝަނުން ވަނީ އާންމުގެ މީހުންނަށް ހަމަލާނުދޭ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ބުނެފައިވެ އެވެ. އަދި ހަމަލާދެމުންދަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ އަމާޒުތައް ކަމަށް ވެސް ސައުދީން ބުނެ އެވެ.

މިދިޔަ އޮގަސްޓް މަހު ވެސް ސައުދީން ދިން ވައިގެ ހަމަލާތަކެއްގައި އެއް އާއިލާއެއް ގެ ނުވަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ.

އެޗްއާރުޑަބްލިއިން އިތުރަށް ބުނީ ސައުދީން ދިން ވައިގެ ހަމަލާތަކެއްގައި ވަނީ ޔަމަނުގެ ތާއިޒް ޕްރޮވިންސްގެ އެއްއާއިލާއެއްގެ އަށް މީހުން މަރުވެފަ އެވެ. އޭގެ ތޭރެގައި އަންހެނަކާއި އޭނާގެ އަށް އަހަރުގެ ދަރިފުޅު ވެސް ހިމެނެ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށުނު ފަހުން ވަނީ 10000 މީހުންމަރުވެ ތިން މިލިއަން މީހުން ގެދޮރު ދޫކޮށް ގޮސްފަ އެވެ. އަދި ގައުމުގެ އުމްރާނީ ވަސީލަަތްތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.