12 Sep 2017, 15:07
އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމު "ބޮސް"ގެ އޮފިޝަލް ޓްރެއިލާރ ފޭސްބުކްގައި ރިލީޒްކުރިތާ، މިވީ ހަތަރު ދުވަހުގެ ތެރޭގައި 42،000 އަށް ވުރެ ގިނަފަހަރު އެ ޓްރެއިލާ ބަލައިފިއެވެ.
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"އަކީ، ދިވެހީންގެ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، "ނަހޫ ސްޓައިލް"ގެ ލޯބީގެ ފިލްމެކެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 31ގައި -- ފޭސްބުކް ފޮޓޯ
ނަހޫގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ ބޮސްގެ ލީޑުރޯލުން ފެނިގެން ދަނީ، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާންއެވެ.
ބޮސްގެ ޓްރެއިލާރއިން ފެނިގެންދާ ގޮތުގައި، ރާއިދު (ޔުނާން)އާއި އިބާ (އައްޒަ) އާ ދިމާވަނީ އިބާގެ ލޯބިވެރިޔާގެ ފަރާތުން ލިބިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ހުއްޓައެވެ. އިބާގެ ވާހަކަތަކުން ދޭހަވާގޮތުން ރާއީއާ ދިމާވި ހިސާބުން އޭނާގެ މުޅި ހަޔާތް ބަދަލުވެގެންދެއެވެ. އަދި އޭގެ ފަހުން ދިމާވާ ހާދިސާތަކަށް ފަހު ދެމީހުން އެކަކު އަނެކަކާ ވަކިވާން ޖެހިދާނެތީ އެ ދެމެދުގައި އެ ބަދަލުކުރެވޭ އަސަރުގަދަ މުއާމަލާތްތަކުން ބެލުންތެރީންގެ ލޯތައް ކަރުނައިން ބަންޑުންކޮށްލާނޭ ކަމުގެ ޔަގީންކަން، ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ޓީމުން ވެސް ދެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ.
ބޮސްގެ ޓްރެއިލާރއެކޭ އެއްފަދައިން އެ ފިލްމުގެ ލަވަތަކަށްވެސް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ރާއްޖޭގައި މިވަގުތު ތިބި އެންމެ ކާމިޔާބު ލަވަކިޔުންތެރީންގެ އަޑުތަކުން އިއްވާލާފައިވާ ހިތްގައިމު އެ ލަވަތަށް،ސައުންޑް ކްލައުޑުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މީގެ އިތުރުން މައިޓޯންސް އިންވެސް އަޑުއަހާލެވޭނެއެވެ.
ބޮސްގެ ލަވަތައް ކިޔާދީފައި ވަނީ، މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ.
ބޮސްގެ ލަވަތަށް:
- މި ހިތް އެދޭގޮތް ނުވަނީ - (ހަމޫދު/ރާފިޔަތު)
- ވޭންތަކުން ދިން- (ޝަލަބީ/އަޝްފާ)
- މިވާ ވަރު- (ކުޑައިއްބެ)
- ލޯބިން ގޮސް ބޮސްދޭން(ތޭރަ)
- ހިތް އަވަސްވާގޮތް ވޭ(ނަބީލް)
- ބޮސްދޭހާ ލޯބިވޭ(ތޭރަ/މާއިން)
ބެލުންތެރީން ރޮއްވާލާނޭ ކަމުގެ ވައުދާއެކު، މިހިނގާ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ބޮސްގެ ޓިކެޓް ވިއްކަން ފަށާއިރު، މި ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.