ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޑްވޯފް' އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑައިރެކްޓަރު އާނަންދު އެލް ރާއި ބުނެފި އެވެ.

ފަރްހާން އަޚްތަރުގެ ފިލްމު 'ލަކްނައު ސެންޓްރަލް'ގެ ޚާއްސަ ސްކްރީނިންގްގައި މީޑިއާ އަށް މައުލޫމާތު ދެމުން އާނަންދު ބުނީ ޝާހުއާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ.

އެހެންކަމުން ފިލްމުގެ މަސައްކަތް އެންމެ ފުރިހަމަ އަށްކޮށް ނިންމުމަށް އަދި ދޮޅު އަހަރު ނަގާނެ ކަމަށާއި ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ.

ހަމައެއާ އެކު ފިލްމުގެ އަސްލު ނަން ވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އާނަންދު ވަނީ ބުނެފަ އެވެ. 'ޑްވޯފް' އަކީ ފިލްމުގެ ނަމެއް ފައިނަލް ވަންދެން ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމެވެ.

އެ ފިލްމުގައި ޝާހު އަދާކުރާނީ ޑްވޯފް އެއްގެ ރޯލެވެ. އެއީ އުމުރަށް ވުރެ ހަށިގަނޑު ކުޑަކޮށް ހުންނަ މީހެއްގެ ރޯލެވެ.

ފިލްމުގައި ޝާހުއާ އެކު ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ. ޝާހު، ކެޓްރީނާ އަދި އަނުޝްކާ ވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޖަބް ތަކް ހޭ ޖާން'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ފިލްމުގައި އަނުޝްކާ އާއި ކެޓްރީނާ އެކުގައި ފެނިގެންދާ އެއްވެސް މަންޒަރެއް ނުހިމެނޭނެ އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މީރަތު، ނިއު ދިއްލީ، މުމްބާއި އަދި އެމެރިކާގަ އެވެ.