ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީގެ ގޮތުގައި ބިބިއާނާ ސްޓެއިންހައުސް ތަރީހު ފޮތުން ޖާގަ ހޯދައިފިއެވެ.

އުމުރުން 38 އަހަރުގެ ސްޓެއިންހައުސް އަކީ ޖަރުމަންގެ ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހިތްވަރުގަދަ އަންހެނެކެވެ. އޭނާ ރެފްރީކަން ކުރަން ފެށީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އަންހެންނުންގެ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުތަކުގައި ވެސް ރެފްރީކަން ކޮށްފައެވެ.

ސްޓެއިންހައުސް ރެފްރީކަން ކުރި މެޗުގެ ތެރެއިން ---

ޔޫރަޕުގެ ބޮޑު ސްޓޭޖުގައި އެންމެ ފުރަތަމަ ސްޓެއިންހައުސްއަށް އިންސާފު ކުރަން ޖެހުނީ ޖަރުމަން ބުންޑަސްލީގާގެ ވަރުގަދަ މެޗެކެވެ. އެއީ މިދިޔަ އާދީއްތަ ދުވަހު ހާތާ ބާލިން އާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗެވެ.

މި ސީޒަންގެ ބުންޑަސްލީގާގެ މެޗުތަކުގައި ރެފްރީކަން ކުރާނެ، ރެފްރީންގެ ލިސްޓް އެކުލަވާލިއިރު، ޖަރުމަންގެ ފުޓްބޯޅަ އިދާރާގެ ރެފްރީސް ޑިޕާޓްމެންޓުން ވަނީ ސްޓެއިންހައުސް ހިމަނާފައެވެ. އެހެންކަމުން އޭނާއަށް މިސީޒަނުގެ ގިނަ މެޗުތަކެއްގައި ރެފްރީކަންް ކުރަން ލިބޭނެއެވެ.

މެޗަށް ނުކުތުމުގެ ކުރިން ޖަރުމަންގެ ފުޓްބޯޅަ އިދާރާގެ ވެބްސައިޓަށް ސްޓެއިންހައުސް ދިން އިންޓަވިއުއެއްގައި ބުނީ، ބުންޑަސްލީގާގެ ފުރަތަމަ މެޗަށް ނިކުންނައިރު ވަރަށް އުފާވާ ކަމަށާއި އެއީ ހަޔާތުގެ އާ ޞަފްހާއެއް ކަމަށެވެ.

ސްޓެއިންހައުސް ރެފްރީކަން ކުރި މެޗުގެ ތެރެއިން ---

"އަހަރެން ދެކެނީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި. އަހަރެން މިހުރީ އުފަލާއެކު އެ ޗެލެންޖާ ކުރިމަތިލާން. މިއީ އަންހެން ރެފްރީންގެ ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި މިއީ އަހަރެންގެ ފަހަތުގައިވާ އަހަރެންގެ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް،" ސްޓެއިންހައުސް ބުންޏެވެ.

މީގެ ކުރިން ސްޓެއިންހައުސް ވަނީ ޖަރުމަން ކަޕްގައި ވަރުގަދަ ބަޔާން މިޔުނިކްގެ މެޗުތަކުގައި ވެސް ރެފްރީކަން ކޮށްފައެވެ.