12 Sep 2017, 14:03
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން 54 ވަކީލުން ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ހެދިފަ ހުންނާ ގާނޫނުތަކާ ހިލާފަށް ކަންތައްތައް ކުރީމަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
"ފިޔަވަޅު އެޅުމުގައި އަސާސެއް އޮންނާނެ ކަމަށް މި ޕާޓީން ގަބޫލުކުރަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ނިންމާނީ ވަރަށް ބޮޑަށް ކަންކަމަށް ބެއްލެވުމަށް ފަހު ރިއާޔަތް ކުރައްވަން ޖެހޭ ކަންކަމަށް ރިއާޔަތް ކުރައްވާފަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން ކުރަމުންދާ މަސައްކަތް ޕީޕީއެމުން ބަލައިގަންނަ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ "ޕީޕީއެމަކީ އަބަދުވެސް ގާނޫނާ ގަވާއިދާ އެއްގޮތަށް ކަންކަން ކުރަން ބާރު އަޅާ ޕާޓީއެއް" ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާރީފް ވިދާޅުވީ 200 ވަކީލުން ނަމަވެސް ގޯހެއް ހަދައިފިއްޔާ އެވާނީ ގޯހަކަށް ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް 'ސަން' އަށް ވިދާޅުވީ ސަސްޕެންޑް ކުރި ވަކީލުންގެ ކުރީ ސަފުން ފެނިގެންދިޔައީ "ވަކި ފިކުރަކަށް ތަބާވާ، ވަކި ފިކުރެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް" ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ އެބޭފުޅުން ބޭނުންވެގެން މިއުޅެނީ ދިވެހިރާއްޖޭގެ ޖުޑިޝަރީއަކީ އެބޭފުޅުންގެ މުހުތާދުތައް ފިލުވަން ނުވަތަ އެބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ބައްޓަން ކުރުވަން ބޭނުންފުޅުވާ ތަނެއްގެ ގޮތުގައި ބާއޭ" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ޑީޖޭއޭން ނިންމި ނިންމެވުމަކީ ގައުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށެވެ.
ޑީޖޭއޭއިން 54 ވަކީލެއް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ ވަކީލުން މުޒާހަރާ ކުރި ކަމަށް ބުނެ އެވެ. އަދި ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އެވެ.