'ކުއަންޓިކޯ'ގެ ޝޫޓިން ނިމުމުން ބޮލީވުޑް ދެ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމުގެ އިޝާރާތެއް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ދީފި އެވެ.

ހޮލީވުޑްގެ ޕްރޮޖެކްޓުތަކުން ބްރޭކެއް ނެގުމަށް ފަހު ޕްރިޔަންކާ އެނބުރި އިންޑިއާއަށް އައުމުން އޭނާ ބޮލީވުޑް ފިލްމަކަށް ސޮއި ކޮށްފައިވާ ކަމަށް ބުނެ ތަފާތު ވާހަކަތައް ދެކެވުނެވެ. އަދި މަޝްހޫރު ޕްރޮޑަކްޝަން ހައުސްތަކާ އެކު ބައްދަލުވުންތައް ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ފައިނަލް ވެފައެއް ނުވެ އެވެ.

ނަމަވެސް ޕްރިޔަންކާ މިވަނީ ދެ ފިލްމަކަށް ސޮއި ކުރުމަށް ވަރަށް ކައިރިވެފައިވާ ކަމަށް އަމިއްލަ އަށް ބުނެފައެވެ.

ޕްރިޔަންކާ ބުނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުން އޭނާ ބޮލީވުޑް ދެ ފިލްމަކަށް އެއްބަސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. 'ކުއަންޓިކޯ' ގެ ޝޫޓިން ނިމޭނީ މާޗު މަހުގެ ތެރޭގައެވެ.

ޕްރިޔަންކާ ބުނީ އެ ދެ ފިލްމަކީ އޭނާ ކޮންމެހެން ވެސް ހިއްސާވާން ބޭނުން ދެ ފިލްމު ކަމަށެވެ. އަދި މިހާރު އިންޑިއާ ސިނަމާ އިން ވަރަށް މޮޅު ފިލްމުތައް ފެންނަން ފަށައިފައިވާ ކަމަށާއި، ތަފާތު މޮޅު ޚިޔާލުތަކާ އެކު ޑައިރެކްޓަރުން ވެސް މަސައްކަތް ކުރަން ފަށައިފައިވާ ކަމަށެވެ.

ޕްރިޔަންކާ އެންމެ ފަހުން ހިންދީ ފިލްމަކުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ނުކުތް 'ޖެއި ގަންގާޖަލް' އިންނެވެ. އެއަށްފަހު މުޅިން ވެސް ކުރަމުން އަންނަނީ ހޮލީވުޑް މަސައްކަތް ތަކެވެ.