27 Jul 2011, 11:31
ގއ. ވިލިނގިލީގައި ހަލުއިކަމާއެކު ޑެންގީ ހުން ފެތުރި، ހުން ޖެހިފައިވާ މީހުންގެ އަދަދު 129 އަށް އަރައިފި އެވެ.
ވިލިނގިލީ ކައުންސިލުގެ ރައީސް ސައުދު ހުސައިން މިއަދު ވިދާޅުވީ 3300 މީހުންގެ އާބާދީއެއް އޮންނަ ރަށުގައި ޑެންގީ ހުން ފެތުރެން ފެށީ މިމަހުގެ 22ން ފެށިގެން ކަމަށާއި ހުމާ ގުޅިގެން ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް ފުރި، ބާރު ބޮޑުވެފައިވާ ކަމަށެވެ.
ހުންޖެހި ޑެންގީއަށް ޝައްކުވެފައިވާ 129 މީހުން ތިބި އިރު މިވަގުތު ވެސް 10 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހަ މީހެއްގެ ހާލު ދަށްކޮށް އުޅޭއިރު ޑެންގީ ޖެހިފައިވާ ބިދޭސީ ދެ މީހުންގެ ތެރެއިން ބަންގުލަދޭޝްގެ މީހެއްގެ ހާލު ސީރިއަސް ވެފައިވާ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"ޑެންގީ ފެތުރުމާ ގުޅިގެން އެކު މިހާރު އެކަކު ވަނީ މަރުވެފައި. ހުންޖެހޭ މީހުންގެ އަދިވެސް އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ،" ސައުދު ވިދާޅުވި އެވެ.
ވިލިނގިލީގައި ޑެންގީ ފެތުރި ކަންބޮޑުވާ ހިސާބަށް ދިއުމުން ކައުންސިލުން ވަނީ އެކަމަށް ހާއްސަ ޓާސްފޯހެއް އުފައްދައި ރަށް ސާފުށް މަދިރި ނައްތައިލުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. ސައުދު ވިދާޅުވީ ޑެންގީ ހުން ރަށުގައި ބާރަށް ފެތުރި ކަންބޮޑުވެފައިވާއިރު އެކަން ސަރުކާރުގެ ސަމާލު ކަމަށް އައިސްފައި ނުވާތީ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ.
ރާއްޖެއިން މިއަހަރު 1900 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހި 11 މީހުން ވަނީ މަރުވެފަ އެވެ.