19:00


ތައިލެންޑްގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ މައިމަރުކަޒަށް ބަރު ހަތިޔާރާއެކު ސިފައިން ވަދެ މުޒާހަރާ ރޫޅާލައިފި އެވެ.


އަލްޖަޒީރާ ބުނާގޮތުގައި ހަތިޔާރު އެޅި ސިފައިން 'ރެޑް ޝަރޓްސް' ގެ މައިމަރުކަޒަށް މިއަދު ހެނދުނު ވަދެ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ގާޑުންނާ ބަދަލުކުރި ހަމަލާތަކާ ގުޅިގެން 'ރެޑް ޝަރޓްސް'ގެ އިސް ހަ ލީޑަރަކު ވަނީ އަމާން ދީފަ އެވެ. ނަމަވެސް އަމާން ދިނުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ބެންކޮކްގެ މުހިންމު ބައެއް އިމާރާތްތަކުގައި ރޯކޮށް ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް އަލްޖަޒީރާ ބުނެ އެވެ.


އިދިކޮޅު ފަރާތްތަކުގެ މައިމަރުކަޒުތެރެއަށް އަސްކަރީ އުޅަނދުތަކުގައި މިއަދު ހެނދުނު ވަދެގަތުމަށްފަހު ތައިލެންޑްގެ ސިފައިން ވަނީ އެ ސަރަހައްދުގައި ތިބި އާންމުން އެސަރަހައްދު ދޫކޮށް ނުގޮސްފިނަމަ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބުނެ އިންޒާރުކޮށްފަ އެވެ. އަދި ސިފައިންނާއި އިދިކޮޅު ފަރާތްތަކުގެ ގާޑުންނާ ދެމެދު މިއަދު ބަދަލުކުރި ހަމަލާތަކުގައި އިތުރު ފަސް މީހަކު ވަނީ މަރުވެފަ އެވެ.


އަމާންދީފައިވާ އިދިކޮޅު ލީޑަރުންގެ ތެރެއިން އެކަކު ބުނެފައި ވަނީ މުޒާހަރާ ހުއްޓާލައި އަމާން ދޭން ނިންމީ ސިފައިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި އިތުރު ބަޔަކު މަރުވާން ނޭދޭތީ ކަމަށެވެ. އަދި 'ރެޑް ޝަރޓްސް'ގެ ތެރޭގައި ހިމެނޭ ގިނަ މީހުން ސިފައިންނާ ކުރިމަތިލައި އަމިއްލައަށް ގުރުބާންވާން ފަސްނުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.


ތައިލެންޑްގެ ބޮޑުވަޒީރު އަބީސީތް ވެޖަޖީވާގެ އިސްތިއުފާއަށް ގޮވާލައި މިދިޔަ މާޗްމަހު ފެށި މި މުޒާހަރާގެ ތެރޭން ހިނގި ކުރިމަތިލުންތަކުގައި ގާތްގަނޑަކަށް 70 މީހުން މަރުވެފައިވާއިރު 1700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.