އިންޑިއާއިން ރޮހިންޔާގެ މުސްލިމުން ޑީޕޯޓުކުރުމާ ދެކޮޅަށް ކެރެލާ ސްޓޭޓްގެ މުސްލިމު ޕާޓީއެއްކަމަށްވާ އިންޑިއަން ޔޫނިއަން މުސްލިމު ލީގްސް ކެރެލާ (އައިއެމްޔޫއެލް) އިންތެދުވެއްޖެއެވެ.

އެޖަމިއްޔާގެ ރައީސް ޕަނަކަދް ސައްޔިދު ހައިދަރު އަލީ ޝިހާބު ތަންގާލު ވިދާޅުވީ ރޮހިންޔާ މުސްލިމުން ޑީޕޯޓުކުރުމަށް ކުރަމުންދާ ކޮންމެ ކަމަކާ އެ ޖައިމިއްޔާއިން ދެކޮޅުހަދަމުންދާނެ ކަމަށެވެ.

ރޮހިންޔާ މުސްލިމުންނާއެކު ތިބިކަން އަންގައިދުމުގެ ގޮތުން އެ ޖަމިއްޔާއިން ވަނީ މިދިޔަ ހޮނިިހިރު ދުވަހު ބައްދަލުވުމެއް ބާއްވައިފައެވެ.

"ރޮހިންޔާ މުސްލިމުން އިންޑިއާއިން ޑީޕޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އައިއެމްޔޫއެލްއިން ޕާލިމެންޓުގެ ބޭރުންނާއި އެތެރެއިން މަސައްކަތްކުރާނެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ބަދަލުގައި އިންޑިއާއިން އަމަލުކުރަމުންދާ ގޮތާ ދޭތެރޭ ހިތާމަކުރަން،" ޕަނަކަދު ވިދާޅުވިއެވެ.

ޕަނަކަދް ވަނީ ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ އަންގ ސަން ސޫކީ ރޮހިންޔާ މުސްލިމުންނަށް ދެމުންދާ ހަމަލާތަކާމެދު އެއްވެސް އެއްޗެއް ބުނެފައިނުވާތީވެ އެކަން ކުއްވެރިކޮށްފައެވެ.

އދ. އިން ބުނާ ގޮތުގައި މިފަހުން، ރޮހިންޔާ މުސްލިމުންނަށް ހަމަލާތައް ދޭން ފެށިފަހުން ރައްކާތެރިކަން ހޯދުމަށްޓަކައި ފާއިތުވި 12 ދުވަސްތެރޭ 146000 ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްއަށް ވަނީ އެތެރެވެފައެވެ. ވާލްޑް ފުޑް ޕްރޮގްރާމުން އަންދާޒާ ކުރާ ގޮތުގައި ރެފިއުޖީންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި 300000 އެރުމަކީ ވެސް އެކަށީގެންވާ ކަމެކެެވެ.

އދ. އިން ނެރެފައިވާ ރިޕޯޓުގައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަރަށް ރީއްޗަށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ރޮހިންޔާ މުސްލިމުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި، އަނިޔާ ކުރުމާއި ގެއްލުވާލުން ވެސް ހިމެނެ އެވެ. ރޮހިންޔާގެ ރެޕްރެޒެންޓޭޓިވްސް އިން އަންދާޖާ ކުރާގޮތުގައި މިޔަންމާ ސިފައިން އޮޕަރޭޝަން ފެށިފަހުން 400 މުސްލިމުން ވަނީ މަރައިލައިފައެވެ.