12 Sep 2017, 12:12
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން ލަދުވެތި ގޮތަކަށް ބަލިވި މެޗު މިހާރު ހަނދާން ނެތިއްޖެ ކަމަށް ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.
އުނައި އެމްރީގެ ކޯޗު ކަމުގެ ދަށުން ޕީއެސްޖީ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި 1-6 އިން ބާސާ އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. އެ ނަތީޖާ ނުކުމެފައި ވަނީ ފުރަތަމަ ލެގުގައި 0-4ގެ ލީޑެއް ޕީއެސްޖީން ނަގާފައި ވަނިކޮށެވެ.
ނަމަވެސް ސިލްވާ ބުނީ، ޕީއެސްޖީީ މިހާރު އެ މެޗު ހަނދާން ނެތިފައިވާ ކަމަށާއި މި ސީޒަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަހަރެމެން ބާސާ މެޗު މަތިން ހަނދާން ނެތިއްޖެ. މިއީ އެހެން ޗެމްޕިއަންސް ލީގެއް. މިފަހަރު ތަފާތު ވާނެ، އަހަރެމެން މިތިބީ ވަރަށް ޖޯޝާއެކު މުބާރާތް ފަށަން ތައްޔާރަށް. މިއީ އަހަރެމެންނަށް ވަރަށް މުހިންމު މުބާރާތެއް،" ސިލްވާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ އާ ސީޒަން މިރޭ ފެށިގެންދާއިރު ޕީއެސްޖީ ލައްވާލާފައި ވަނީ ގްރޫޕް ބީ ގައެވެ. އެ ގްރޫޕުގައި ޕީއެސްޖީ މިރޭ ނުކުންނާނީ ސެލްޓިކްއާ ދެކޮޅަށެވެ.
މި ސީޒަނަށް ޕީއެސްޖީ ޓީމު ވަރުގަދަ ކޮށްފައިވާއިރު، ދުނިޔޭގެ ރެކޯޑު ފީއަކަށް ބާސާއަށް ކުޅުނު ނޭމާ ވަނީ ގެނެސްފައެވެ. އޭގެ އިތުރުން މޮނާކޯއަށް ކުޅެމުންދިޔަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ވެސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވެފައެވެ.
ސިލްވާ ބުނީ، ނޭމާ އާއި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއަށް ބަދަލުވި ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް މީގެ ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވުމަކީ ޕީއެސްޖީއަށް ލިބޭ ފައިދާއެއް ކަމަށެވެ.