އަފްޣާނިސްތާންގެ ތާލިބާނުންނަށް ލިބޭނެ ކަމަށް ބަލައިގެން ރައިފަލްތަކެއް ވިއްކި މީހަކު ރާއްޖެ އިން ހައްޔަރުކޮށްފައިވާ ކަމަށް އޭއެފްޕީ ބުނެފި އެވެ.

އޭއެފްޕީ މިއަދު ބުނި ގޮތުގައި އެމެރިކާ ސިފައިން ރާއްޖެ އިން ހައްޔަރުކުރި މީހާ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން މީހަކަށް ވިއްކީ އެ ހެރޮއިން އެމެރިކާ އަށް އެތެރެވާނެ ކަމަށް ބަލައިގެންނެވެ. އަދި އެސަލްޓް ރައިފަލްތަކެއް އޭނާ ވިއްކާފައި ވަނީ އަފްޣާނިސްތާންގެ ތާލިބާނުންނަށް ލިބޭނެ ކަމަށް ބަލައިގެންނެވެ.

ހިޒްބުﷲ އާއި ތާލިބާނުންނަށް ފައިސާ ހޯދައި ދިނުމަށްޓަކައި މަސްތުވާތަކެތި ވިއްކަމުން ދިޔަ ދެ މީހަކު ވެސް ރާއްޖެ އިން ވަނީ އަތުލައިގެންފަ އެވެ. އަދި އެފަދަ އެހެން ދެ މީހަކު ރޯމޭނިއާގެ ވެރިރަށް ބުޗާރެސްޓް އިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ހަތަރު މީހުން ވެސް ވަނީ އެމެރިކާގެ ނިއުޔޯކަށް ގެންގޮސް ފެޑެރަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެމެރިކާގެ ޖާސޫސީ އެޖެންޓުން ހިންގި އަންޑާ ކަވާ އޮޕަރޭޝަނެއްގައި އަތުލައިގަތް ހިޒްބުﷲ ތަންސީލްކުރާ އެ ހަތަރު މީހުން ވަނީ އެތައް ސަތޭކަ ކިލޯއެއްގެ ހެރޮއިން ގަތުމަށް ( ބަޔަކާ އެކު) އެއްބަސްވެފަ އެވެ. އަދި ގޭންގްތަކުން ގެންގުޅޭ ފަދަ ހަތިޔާރުތަކެއް ގަތުމަށް ވެސް އެމީހުން ވަނީ ފެބްރުއަރީ މަހު އެއްބަސްވެފަ އެވެ.
ތާލިބާނުންނަށާއި ހިޒްބުﷲ އަށް ފޯރުކޮށްދިނުމަށް ޓަކައި ގަތުމަށް އެމީހުން އެއްބަސްވެފައިވާ 9.5 މިލިޔަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖްގައި ހިމެނެނީ ބިމުން ފޮނުވާލާ މިސައިލާއި އެމެރިކާގައި އުފައްދާފައިވާ ރައިފަލް ކަމަށް އޭއެފްޕީގެ ހަބަރުގައިވެ އެވެ.

ރާއްޖެ އިން ބަޔަކު ހައްޔަރުކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެކަން ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަޅުތައް އިމިގްރޭޝަނުން އަޅާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ އެ މައްސަލައާ ބެހޭ ތަފުސީލް ފަހުން ދެއްވާނެ ކަމަށެވެ.
ރާއްޖެ އިން ހައްޔަރުކުރީ ކޮން ގައުމެއްގެ ބައެއް ކަން އެއްވެސް ބަޔަކު އަދި އާންމުކޮށްފައެއް ނުވެ އެވެ.