12 Sep 2017, 10:54
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އެ ދެ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި އިރު، ކުރިމަތިލާފައި ވަނީ ޖުމްލަ 31 ބޭފުޅެއް ކަމަށެވެ. ނަމަވެސް ކުރިމަތިލެއްވީ ކޮންބައެއް ކަމެއް ވިދާޅެއްނުވެ އެވެ.
ސިވިލް ކޯޓަށް ދެ ގާޒީން ހަމަޖެއްސުމަށް ނިންމާފައިވާއިރު، ކްރިމިނަލް ކޯޓަށް ހަމަޖައްސަނީ ހަތަރު ގާޒީންނެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ފަސް ގާޒީންނެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަވެފައިވާތީ އިތުރު ގާޒީން ބޭނުންވާ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑުކޮށްފައިވާތީ މިހާރު އެ ކޯޓުގައި މަސައްކަތް ކުރައްވަނީ ހަތަރު ގާޒީންނެވެ.
ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ގާޒީންނެވެ. އެ ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ގާޒީ މަރިޔަމް ވަހީދު ވަނީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން މަގާމުން ވަކިކޮށްފަ އެވެ.
ގާޒި ކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.
ގާޒީއެއްގެ އަސާސީ މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،000 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ބުންޏެވެ.