ކުރިއަށް އޮތް 70 އަހަރު ތެރޭގައި ވެސް ފިލުމު ކުޅެވިދާނެ ކަމަށް މަޝްހޫރު އަދި ކުޅަދާނަ ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.

މީގެ ހަތް އަހަރު ކުރިން ފިލުމީ ދާއިރާ އަށް ނުކުތް ސޮނާކްޝީ ބުނީ ފިލްމީ ދާއިރާއަކީ ވަރަށް މަޖާ އަދި އެހާމެ ކުރާ ހިތުން ކުރާ ކަމެއް ކަމަށެވެ.

"ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އާއިލާ އާ އަދި ފޭނުން. ފޭނުންނާ ނުލާ މިހިސާބަށް ނުވެސް އަންނާނެ. ބެލުންތެރިންދޭ ހިތްވަރުގެ ސަބަބުން ވަރަށް އުފާވޭ. އެހެންވެ މި ބުނަނީ ކުރިއަށް އޮތް 70 އަހަރު ތެރޭގައި ވެސް ފިލުމު ކުޅެވިދާނެޔޭ." އޭނާ ބުންޏެވެ.

ގިނަ ބައެއްގެ ފޭވަރިޓަކަށް ވެފައިވާ ސޮނާކްޝީ އެންމެ ފުރަތަމަ ސްކްރީނުން ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރު ނުކުތް ފިލުމު 'ދަބަންގް' އިންނެވެ. ފިލުމުގައި ސޮނާކްޝީގެ އިތުރުން ސަލްމާނު ލީޑުން ފެނިގެންދާ އެ ފިލުމުގައި ވެސް ސޮނާކްޝީގެ ކުޅަދާނަކަން ފެނިގެންދެ އެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލުމު 'އިއްތިފާގް' އިންނެވެ. ފިލުމު ޕްރޮޑިއުސް ކުރަނީ ޝާހްގެ ރެޑް ޗިލީ އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރު ފިލްމްސް ގުޅިގެންނެވެ. 'އިއްތިފާގް' ފިލުމަކީ 1969 ވަނަ އަހަރު ނުކުތް ފިލުމު "އިއްތިފާގް"ގެ ރީމޭކެކެވެ.

ފިލުމުގައި ސޮނާކްޝިގެ އިތުރުން ދެން ފެނިގެންދާނެ ބަތަލަކީ ކުޅަދާނަ ފިލުމީ ތަރި ސިދާތް މަލްހަތްރާ އެވެ. މިއީ ދެތަރިން ފިލުމަކުން ފެނިގެންދާ ފުރަތަމަ ފަހަރު ވެސްމެ އެވެ.