ގާހިރާ(ސެޕްޓެމްބަރު 12): މިސްރުގެ ސައިނާއިން ދަތުރު ކުރަމުން ދިޔަ ފުލުހުންގެ އުޅަނދުތަކަކަށް އިސްލާމިކް ސްޓޭޓް (އައިއެސް)އިން ދިން ހަމަލާއެއްގައި 18 ފުލުހުން މަރާލައިފި އެވެ.

މިސްރުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހަމަލާ ދިން ވަގުތު ފުލުހުންގެ އުޅަނދުތައް ދަތުރު ކުރަމުން ދިޔައީ އަލް އަރިޝް ކިޔާ ޓައުންއަކުންނެވެ. އަދި އެ ހަމަލާ ދީފައި ވަނީ ފުލުހުންގެ އުޅަނދުތަކާ ކައިރިކޮށް އެހެން އުޅަނދެއް ގޮއްވާލައިގެން ކަމަށާއި އެހަމަލާއިން ސަލާމަތްވި ފުލުހުންނަށް ބަޑިން ހަމަލާ ދީފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އައިއެސްއާ ގުޅުން ހުރި އަމާގް ނޫސް އޭޖެންސީ މެދުވެރިކޮށް އެޖަމާއަތުން ވަނީ ހަމަލާގެ ޒިންމާ ނަގާފައެވެ.

އެހަމަލާގައި މަރުވި މީހުންގެ އަދަދު އިންޓީރިއާ މިނިސްޓްރީން ހާމަ ނުކުރި ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއީ ޖުލައި މަހުގެ ފަހުން ސައިނާގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ. މިދިޔަ ޖުލައި މަހު ގާޒާ ބޯޑަރު ކައިރީގައި ދިން ބޮމުގެ ހަމަލާއެއްގައި 23 ސިފައިން މަރާލާފައިވެ އެވެ.

އެ ހަމަލާ ދީފައި ވަނީ މިސްރުގެ ސަލާމަތީ ބާރުތަކުން އައިއެސްގެ 10 ހަނގުރާމަވެރިން މަރާލި ކަމަށް ބުނި ފަހުންނެވެ.

ެދެހާސްތޭރަ ވަނަ އަހަރު މިސްރުގެ އަސްކަރިއްޔާއިން އޭރުގެ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލި ފަހުން އައިއެސްއިން ވަނީ އެގައުމުގެ ސަލާމަތީ ފައުޖުތަކަށްދޭ ހަމަލާތައް އިތުރުކޮށްފައެވެ. (ބީބީސީ)