މޮސްކޯ: (27 ޖުލައި) : 2012 ވަނަ އަހަރަށް ކަނޑައަޅާ ރަޝިޔާގެ ޢަސްކަރީ ބަޖެޓް ވަރަށް ބޮޑުތަން ބޮޑުކުރާނެކަން އެޤައުމުން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވަމުން ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން ވިދާޅުވީ ރަޝިޔާ ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމަށާއި އާ ހަތިޔާރު އުފެއްދުމަށް މިއަހަރު ހޭދަކުރާ މިންވަރު ގެ ދެގުނަ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށެވެ.

ޕޫޓިން ވިދާޅުވީ އާ ހަތިޔާރު އުފެއްދުމަށްޓަކައި ރަޝިޔާގެ ހަތިޔާރުގެ ސިނާޢަތު ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބައްޓަން ކުރުމަށް ބޭނުންވާ ރީސާޗް ވަރަށް ބާރަށް ކުރިޔަށް ގެންދަން ޖެހިފައިވާ ކަމަށާ މިކަމުގެ ސަބަބުން ރަޝިޔާގެ ޢަސްކަރީ ބަޖެޓް އަންނަ އަހަރު ވަރަށް ބޮޑުތަން ބޮޑުވެގެންދާނެ ކަމަށެވެ.

ރަޝިޔާގެ ހަތިޔާރުގެ ސިނާއަތު ތަރައްޤީކޮށް އާހަތިޔާރު އުފެއްދުމަށާއި ސިފައިންގެ ލަޝްކަރުތައް ޒަމާނީ ކުރުމުގެ ސްޓްރެޓީޖިކް ޕްލޭނެއް ރަޝިޔާއިން ތަންފީޒުކުރަމުން ގެންދަތާ މިހާރު އަހަރުތަކެއް ވެފައިވާއިރު މިރޮނގުން ރަޝިޔާ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ބާ ޓެކްނޮލޮޖީ، ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލުކޮށްގެން ރަޝިޔާ އުފައްދަން ފަށާފައިވާ އާ ހަތިޔާރުތަކުގެ ތެރޭގައި ނިއުކްލިޔަ މިސައިލާއި ނިއުކްލިޔަ ސަބްމެރިންގެ އިތުރުން ޢަސްކަރީ ފައިޓަ ޖެޓާއި ޓޭންކާއި ޢަސްކަރީ މަނަވަރުތަކާއި އެނޫން ބަރުހަތިޔާރުވެސް ހިމެނެއެވެ. -- އަލްޖަޒީރާ