12 Sep 2017, 08:46
ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދާ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރް، ނޭޕާލްގެ ޕަލްސާ ސްޕޯޓްސް އެވޯޑް 2016ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފިއެވެ.
ނޭޕާލް ގައުމީ ޓީމުގެ ވެސް ގޯލް ބަލަހައްޓަމުންދާ ލިމްބޫ ކިރަން ކުމާރަށް އެ އެވޯޑާއެކު އިނާމެއްގެ ގޮތުގައި ޕަލްސާ މޮޓޯ ސައިކަލެއް ވެސް ވަނީ ލިބިފައެވެ.
ޓީސީއާއެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމަށް މާލޭގައި ހުރުމުން ލިމްބޫއަށް ވަނީ ކަތަމަންޑޫގެ ނޭޕާލް އެކަޑަމީ ހޯލްގައި ބޭއްވި ޕަލްސާ ސްޕޯޓްސް އެވޯޑު ރަސްމިއްޔާތުގައި ބައިވެރި ނުވެވިފައެވެ. ލިމްބޫގެ ބަދަލުގައި އެވޯޑާ ހަވާލުވީ އޭނާގެ މަންމައެވެ.
ލިމްބޫ ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ސޮލިޑާރިޓީ ކަޕް ޗެމްޖޮންގަށް ކާމިޔާބުކޮށްދީ، މިއަހަރުގެ ކުރީކޮޅު ބަނގުލަދޭޝްގައި ކުރިއަށްދިޔަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީއަށް ކާމިޔާބު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއަހަރުން ފެށިގެން ލިމްބޫ ފެނިގެން ދަނީ ޓީސީންނެވެ. އޭނާ ވަނީ ޓީސީއަށް މިއަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރެއް ހޯދައިދިނުމަށް ވެސް އިސް ދައުރެއް އަދާކޮށްދީފައެވެ.
ނޭޕާލްގެ އެންމެ މޮޅު ޓީމަކަށް ގައުމީ ވޮލީބޯޅަ ޓީމު ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ ޖޫޑޯ ކުޅުންތެރިޔާ މަނީތާ ޝްރެސްތާ ޕްރަދާންއެވެ. ނޭޕާލްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެތުލެޓިކްސް ކޯޗު ޕުޝްޕާ ރާޖް އޮޖްހާއެވެ. އެންމެ ގިނަ ވޯޓު ހޯދައިގެން ޕީޕަލްސް ޗޮއިސް އެވޯޑު ހޯދީ ދުވުންތެރިޔާ ކަންޗީ މާޔާ ކޯޖޫއެވެ. ލައިފް ޓައިމް އެވޯޑު ގޮލްފް ކުޅުންތެރިޔާ ގަންޝިޔަމް ތާޕާ ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބެޑްމިންޓަން ކުޅުންތެރިޔާ ނަލްސަންގް ތަމަންގެވެ.